ރައީސްކަން ކޮށްފައިވާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ނުލެވޭގޮތަށް ޤާނޫނަށް އިސްލާހު ގެނައުމަށް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރަކު ހުށަހެޅި އިސްލާހް އަނބުރާ ގެންދިއުމާމެދު ގޮތެއް ނިންމުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕަށް ގޮވާލައިފިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިއްދޫ ދާއިރާގެ މެމްބަރ ޢަބްދުލްލަތީފު މުޙައްމަދު، ހުށަހެޅި އިސްލާހަކީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކުރައްވައިގެން ޤާނޫނުއަސާސީއާ ޚިލާފަށް ހުށަހަޅުއްވާފައިވާ އިސްލާހެއް ކަމަށެވެ. އަދި އެ އިސްލާހު އަނބުރާ ނެގުމާމެދު ޖުމްހޫރީ ޕާރޓީގެ ލީޑަރޝިޕުން އެކަމުގައި އިސް ދައުރެއް އަދާކޮށް އެކަން ކަށަވަރުކޮށްދިނުމަށް އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުން ގޮވާލާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި މިފަދަ ޢަމަލުތަކުގެ ސަބަބުން ޖޮއިންޓް ޕާރލަމެންޓްރީ ގްރޫޕްގެ ގުޅުމަށް އަރައިފާނެ ބުރުލަކާމެދު ވިސްނައި މަސްލަޙަތު ނުގެއްލޭނޭގޮތަށް ޢަމަލުކުރުމަށްވެސް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިނުލެއްވޭނޭގޮތަށް ޤާނޫނަށް ބަދަލު ގެނައުމަށް ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުލްލަތީފު މުޙައްމަދު، ހުށަހެޅި އިސްލާހް އަނބުރާ ގެންގޮސްފައި ނުވާތީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ އެކަން ކުއްވެރިކޮށްފައެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ޝަރުތުތައް ޤާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ ޝަރުތުތަކުން ބޭރުން އިތުރު ޝަރުތުތައް ކަނޑައެޅުމަށް ހުށަހަޅާ ހުށަހެޅުމަކީ ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު ހުށަހެޅުމެއް ކަމަށެވެ. އަދި އެއީ ޖޮއިންޓް ޕާރލަމެންޓްރީ ގްރޫޕްގައި ހިމެނޭ މެމްބަރަކު މަސައްކަތްކުރުމަށް އޮންނަ އުސޫލުތަކާ ވެސް ޚިލާފު ޢަމަލެއްކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން މި އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާނޭކަން އިޢުލާނުކުރައްވައި ކޭމްޕޭންކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް އަމާޒުކޮށް ފުރައްސާރަކުރެއްވުމަށްކަމަށް ދެކޭ ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.
ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ، ދިއްދޫ ދާއިރާގެ މެމްބަރ ޢަބްދުލްލަތީފު މުޙައްމަދު މި އިސްލާހް ހުށަހަޅާފައިވާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕުން އަންނަނީ މަޖިލިސް އިންތިޚާބާ ގުޅޭގޮތުން ރައީސް ނަޝީދު ދައްކަވަމުން ގެންދަވާ ބައެއް ވާހަކަތަކަށް ނުސީދާގޮތެއްގައި ފާޑު ވިދާޅުވަމުންނެވެ.