ކުޅިވަރު

ކޯޗިންގ ކެރިއަރ ނިންމައެއް ނުލާނަން - މޮރީނިއޯ


ކޯޗިންގއިން ރިޓަޔަރ ކުރުމުގެ ވިސްނުމެއް ނެތްކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުން މިދިޔަ މަހު ވަކިކުރި ހޯސޭ މޮރީނިއޯ ބުނެފިއެވެ.
ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރި ފަހުން ފުރަތަމަ ފަހަރަށް ވާހަކަދައްކަމުން މޮރީނިއޯ ބުނީ ޔުނައިޓެޑުން އޭނާ ބޭރުކޮށްލުމަކީ އެކަމާއި ދެރަވެގެން ކެރިއަރު ނިންމާލަން ޖެހޭ ކަމެއް ނޫންކަމަށެވެ. އަދި އޭނާގެ ކޯޗިންގ ކެރިއަރު އޮތީ ކުރިއަށްކަމަށާއި، އަވަހަށް ހުއްޓާލުމުގެ ވިސްނުން ނުގެންގުޅޭކަމަށް 55 އަހަރުގެ ކޯޗު ބުންޏެވެ.
މޮރީނިއޯ ބުނީ ދެން ހަވާލުވަނީވެސް ދުނިޔޭގެ ބޮޑު ކުލަބަކާއި ކަމަށައި، އޭނާގެ ފެންވަރަކީ އެއީކަމަށެވެ. ޔުނައިޓެޑްގެ ކުޅުންތެރިންނާއި ދެމެދު ދެބަސްވުންތައް އުފެދުމާއި ގުޅޭ ގޮތުން މޮރީނިއޯ ބުނީ ދުނިޔޭގެ ބޮޑެތި ބައެއް ކުލަބުތަކުން ކުޅުންތެރިންނަށް ބިނާކޮށް ކުލަބުތަކުގެ ހިންގުން ރާވައިފިނަމަ ކާމިޔާބެއް ނުލިބޭނެކަމަށެވެ. ކުޅުންތެރިންނަށް ވުރެ ކޯޗު މުހިންމުވާންޖެހޭނެކަމަށާއި، އެހެން އެކަން ނުވެއްޖެނަމަށް ކާމިޔާބާއި ހަމައަށް ނުދެވޭނެކަމަށްބުނެ އޭނާވަނީ ޔުނައިޓެޑަށް ފާޑުކިޔާފައެވެ.
މޮރީނިއޯ ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑާއި އިޓަލީގެ އިންޓަރ މިލާނުންވެސް މަސައްކަތްކުރަމުން އަންނަކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.