ޓުއަރިޒަމް

ދުނިޔޭގެ ވަރުގަދަ މީޑިއާ ބްރޭންޑްތައް މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރަނީ


ދުނިޔޭގެ ވަރުގަދަ މީޑިއާ ބްރޭންޑްތަކާއިއެކު ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް މަޝްވަރާކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ދުނިޔޭގެ ވަރުގަދަ މީޑިއާ ބްރޭންޑްތައްކަމަށްވާ ސީއެންއެން، ނޭޝަންލް ޖިއޮގްރަފިކް ޗެނަލްއާއިއެކު މިހާރު މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވާކަމަށެވެ. މިގެ މައިގަނޑު ބޭނުމަކީ ރާއްޖެ އިޝްތިހާރުކޮށް ރާއްޖޭގެ ޓޫރިޒަމް މިހާރަށްވުރެ ވަރުގަދަ ކުރުމަށް އެ ޗެނަލްތަކާއިއެކު ކުރެވޭނެ ކަންތައްތައް ދެނެގަތުމެވެ.

"ދުނިޔޭގެ މަޝްހޫރު ވަރުގަދަ މީޑިއާ ބްރޭންޑްތައްކަމަށްވާ ސީއެންއެން އަދި ނޭޝަނަލް ޖިއޮގްރަފިކް ޗެނެލް މި 2 ފަރާތްތަކާއިއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާފައި މިވަނީ. މީގެ ބޭނުމަކީ ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށްޓަކައި އަދި ރާއްޖޭގެ ޓޫރިޒަމް މިހާރަށްވުރެ ވަރުގަދަ ކުރުމަށްޓަކައި އެފަރާތްތަކަށް ކުރެވޭނެ ކަންތައްތައް ދެނެގަތުން." އަލީ ވަހީދު ވިދާޅުވިއެވެ.

ކުރިއަށްއޮތް 3 މަހުގެ ތެރޭގައި ރާއްޖެ އިޝްތިހާރުކުރުމަށް ހިންގަން ހަމަޖެހިފައިވާ ކަންކަމުގެ މައުލޫމާތުވެސް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ފެބްރުއަރީ މަހުގެ ތެރޭގައި ދުބާއީގައި ބާއްވާ 13 އަހަރުން ދަށުގެ އިންޓަރ ކޮންޓިނެންޓަލް މުބާރާތާއި، ހަމަ އެމަހު އިންޑިއާއަށް ޓައިމްސްއިން އިންތިޒާމްކުރާ 5 ވަނަ ގްލޯބަލް ސަމިޓްގައި ދިވެހިރާއްޖެއިން ބައިވެރިވާއިރު، މާރޗްމަހު އޮންނަ އައިޓީބީ ބަރލިން ފެއަރގައިވެސް ރާއްޖެއިން ބައިވެރިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރު ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ.