ތިމާވެށި

ޕްލާސްޓިކް ފުޅީގައި ފެން ބަންދުކުރުން ހުއްޓާލުމާ ގުޅޭގޮތުން ކުންފުނިތަކާއެކު މަޝްވަރާކުރަނީ


ރާއްޖޭގައި ބޭނުންކުރާ ޕްލާސްޓިކް މަދުކުރުމަށް ފަށާފައިވާ ޤައުމީ ކެމްޕޭނުގެ ދަށުން، ރާއްޖޭގައި ފެން އުފައްދާ ކުންފުނިތަކުގައި ޕްލާސްޓިކް ފުޅީގައި ފެން ބަންދުކުރުން ހުއްޓާލުމާ ގުޅޭގޮތުން އެ ކުންފުނިތަކާ މަޝްވަރާކުރަމުންދާކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކޮށްފިއެވެ.

ރާއްޖޭގެ ތިމާވެއްޓަށާއި އިޤްތިޞާދަށް އޮތް އެންމެ ބޮޑު އެއް ނުރައްކަލަށް ޕްލާސްޓިކް ވެފައިވާއިރު ރާއްޖެއަކީ އެއްފަހު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން މަދު ޤައުމަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ރާއްޖޭގައި ބޭނުންކުރާ ޕްލާސްޓިކުގެ ބޮޑުބައެއް ބޭނުންކުރަނީ ބޯފެން ބަންދުކުރުމަށާއި ރައްކާ ކުރުމަށް ކަމަށްވާއިރު، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމުގެ ވަޢުދުގެ ދަށުން ސަރުކާރުން ވަނީ ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރަން މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން ސަރުކާރުގެ ބައެއް އޮފީސް ތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި ސްކޫލްތަކުގައިވެސް ޕްލާސްޓިކް ފުޅި ބޭނުންކުރުން މިހާރު ވަނީ ހުއްޓާލާފައެވެ.

މީގެ އިތުރުން ރާއްޖޭގައި ފެން އުފައްދާ ކުންފުނިތަކުން ފެން ބަންދު ކުރުމަށް ބޭނުންކުރާ ޕްލާސްޓިކް މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން އެ ކުންފުނިތަކާ މަޝްވަރާ ކުރަމުންދާކަން އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިންވެސް ވަނީ ބުނެފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަދި ސަރުކާރުގެ ފަރާތުން ޕްލާސްޓިކް މަދުކުރުމުގެ ޤައުމީ ކެމްޕޭނަށް ކަނޑައަޅުއްވާފައި ހުންނެވި އަޙްމަދު ޒިޔާން ޢަބްދުއްރަޙްމާން ވިދާޅުވީ އީޕީއޭއިން ފެން އުފައްދާ ކުންފުނިތަކާ މަޝްވަރާ ކުރަން ފަށާފައިވާއިރު، ސްޓެލްކޯއިން ފެން ބަންދު ކުރުމަށް މިހާރު ރާއްޖެ ގެނެސްފައިވާ ފުޅިތައް ހުސްވުމުން އިތުރަށް ޕްލާސްޓިކް ފުޅި ގެނައުން ހުއްޓާލަން ނިންމާފައިވާކަން ހާމަކޮށްފައިވާ ކަމަށެވެ. އަދި ޕްލާސްޓިކް ފުޅީގައި ފެން ބަންދު ކުރުމުގެ ބަދަލުގައި އާންމުންނަށް ފެން ފޯރުކޮށްދޭނެ އިތުރު ގޮތްތަކެއް ހޯދުމަށް ސްޓެލްކޯއިން ދިރާސާ ކުރަމުންދާ ކަން ހާމަކޮށްފައިވާ ކަމަށްވެސް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ފެން އުފައްދާ އެހެން ކުންފުނިތަކާއެކުވެސް މިކަމާ ބެހޭގޮތުން މަޝްވަރާ ކުރަމުންދާކަންވެސް ޑެޕިއުޓީ މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެތެރޭގައި ހިމެނޭ، ތިމާވެއްޓާ ގުޅުންހުރި އެންމެ މުހިއްމު އެއް ވަޢުދަކީ ޕްލާސްޓިކް ފުޅިއާއި ޕްލާސްޓިކް ކޮތަޅު މަދުކުރުމުގެ ޤައުމީ ކެމްޕޭނެވެ. މިކެމްޕޭންގެ ދަށުން މިހާތަނަށް ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކާއި ސަރުކާރު ހިއްސާވާ 12 ކުންފުންޏަކާ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ، އީޕީއޭއިން ވަނީ ބައްދަލުކޮށްފައެވެ. އަދި ޕްލާސްޓިކް ފެން ފުޅީގެ ބަދަލުގައި އޮފީސްތަކުގައި ބޭނުންކުރެވިދާނެ އިތުރު ވަޞީލަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެމުންދާކަމަށްވެސް އީޕީއޭއިން ބުނެއެވެ. އެގޮތުން ވޯޓަރ ޑިސްޕެންސަރ ނުވަތަ ކޫލަރާއި ވޯޓަރ ފިލްޓަރާއި ޕިއުރިފަޔަރ ހަރުކުރުމާއި ގިނަ ދުވަހު ބޭނުންކުރެވޭގޮތަށް ބޮޑެތި ފުޅިތަކުގައި މިނަރަލް ވޯޓަރ ބޭނުންކުރުމުގެ އިތުރުން ސަޕްލައި ފެން ބޭނުން ކުރުމާ ގުޅޭގޮތުންވެސް އޮފީސްތަކާ މަޝްވަރާކޮށްފައިވާކަމަށް އީޕީއޭއިން ބުނެވެ.

ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް މަސައްކަތްކުރަމުންދާއިރު ސަރުކާރުން ފަށާފައިވާ ކެމްޕޭންގެ ނަތީޖާ ފެންނަން ދުވަސްތަކެއް ނެގިނަމަވެސް މިކަމުގައި އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ ވަރަށް އަވަސް މުސްތަޤުބަލެއްގައި ނަތީޖާ ފެންނާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ލަފާކުރެއެވެ.