ވިޔަފާރި

ކުންފުނީގެ އަހަރީ ފީއާއި ޖޫރިމަނާގެ ގޮތުގައި މިދިޔަ އަހަރު 197.9 މިލިއަން ރުފިޔާ ލިބެންޖެހޭ


ކުންފުނީގެ އަހަރީ ފީއާއި ޖޫރިމަނާގެ ގޮތުގައި މިދިޔަ އަހަރު 197.9 މިލިއަން ރުފިޔާ ލިބެންޖެހޭކަމަށް ދައުލަތުގެ ޓެކްސް އިދާރާއިން ހާމަކޮށްފިއެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ބުނީ، މިދިޔަ އަހަރުގެ ނިޔަލަށް 7،089 ކުންފުންޏަކުން އަހަރީ ފީއާއި ޖޫރިމަނާގެ ގޮތުގައި 197.9 މިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހޭއިރު، މީގެ ތެރެއިން އެންމެގިނައިން ފައިސާ ދައްކަންޖެހިފައިވަނީ އުވާލުމަށް ނިންމާފައިވާ ކުންފުނިތަކުން ކަމަށެވެ.
މީގެ ތެރޭގައި ހިމެނެނީ އުވާލުމަށް ނިންމާފައިވާ 5،772 ކުންފުންޏަކުން 189.6 މިލިއަން ރުފިޔާ އާއި، މިހާރުވެސް ވިޔަފާރީގެ މުއާމަލާތްކުރަމުންދާ 1،317 ކުންފުނިން ދައްކަންޖެހޭ 8.2 މިލިއަން ރުފިޔާއެވެ.

ކުންފުނީގެ އަހަރީފީގެ އިތުރުން، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގައި ވާ ގޮތުން، ކުންފުނިތަކުން އެއްވެސް ވިޔަފާރިއެއް ނުކުރިކަމުގައި ވިޔަސް ޤާނޫނުގައި ވާ ގޮތުގެ މަތިން ޓެކްސް ބަޔާން ހުށަހަޅަން ޖެހެއެވެ. އަދި އެކަން ނުކުރެވިއްޖެނަމަ ޤާނޫނުގެ ދަށުން ޖޫރިމަނާ ކުރެއެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި ކަނޑައެޅިފައިވާގޮތުން ކުންފުންޏެއް ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓަރީން އުނިކުރެވޭނީ އެ ކުންފުންޏެއް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއިން އުވާލުމުންނެވެ.

މީރާއިން މިހާރު ވަނީ، ވިޔަފާރި ނުކުރާ، އުވާލަން ބޭނުންވާ ކުންފުނިތައް، ކުންފުންޏާ ބެހޭ ޤާނޫނުގައި ކަނޑައަޅައިފައިވާ އުސޫލުގެ މަތިން ރަޖިސްޓްރާރ އޮފް ކޮންޕެނީޒްއަށް ހުށަހަޅައިގެން އުވާލުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފައެވެ.