ޚަބަރު

މުއްދަތު ހަމަވިއިރު ވަރަށް ގިނަ ޝަކުވާ ހުށައަޅާފައިވޭ - ޖަލު ކޮމިޝަން


ޖަލުތައް އޮޑިޓް ކުރުމަށް އެކުލަވާލި ކޮމިޝަނަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް ގިނަ ޝަކުވާތަކެއް ހުށައަޅާފައިވާކަމަށް އެ ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

ކޮމިޝަން ފޮރ ޕްރިޒަން އޯޑިޓުން ވަނީ މިމަހުގެ ދިހަ ވަނަ ދުވަހާހަމައަށް، ޖަލުތަކާއި ގުޅޭ ޝަކުވާ ހުށައެޅުމަށް ހުޅުވާލާފައެވެ. އެ މުއްދަތުގައި ޢާންމު ފަރާތްތަކުންނާއި، ޖަލުތަކުގައި ތިބި ޤައިދީންގެ ޢާއިލާތަކުނާއި، އެކިފަރާތްތަކުގެ ސިޓީގެ ޒަރިއްޔާއިން ޖަލުތަކާގުޅޭ ވަރަށްގިނަ ޝަކުވާ ހުށަހަޅާފައިވާކަމަށް އެކޮމިޝަނުން ނެރުނު ނޫސް ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

އެކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ޖަލުތައް ހިންގުމާ ގުޅޭގޮތުން ޢަމަލުކުރަމުންދާ ޤާނޫނުތަކާއި ޤަވާއިދުތަކާއި ޖަލުގެ އަމުރުތަކާއި، ބައިނަލްއަޤްވާމީ މުޢާހަދާތަކާއި މިނިވަން މުއައްސަސާތަކުން ޖަލުތަކަށް ޒިޔާރަތްކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓްތަކާއި އެނޫންވެސް ލިޔެކިއުންތައް ދިރާސާ ކުރުމުގެ މަސައްކަތްކޮށް ފަށްޓަވާފައިވާކަމަށެވެ.

މީގެއިތުރުން ޤާނޫނީ ވަކީލުންނާއި އެކޮމިޝަނުގެ ފަރާތުން ބައްދަލުކޮށް، މިނިވަންކަން ގެއްލޭގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުކުރާ މީހުންގެ ބަންދާއި، އެފަރާތްތައް ދައުލަތުގެ ބެލުމުގެދަށުގައި ބޭތިއްބުމުގެ އިޖުރާއަތްތައް ފުރިހަމަ ކުރުމުގައި ގެންގުޅޭ މިންގަނޑުތައް އޮޅުން ފިލުވާފައިކަމަށްވެސް އެކޮމިޝަނުން ވިދާޅުވެއެވެ. އަދި ޖަލުތަކާއި ކަސްޓޯޑިއަލްތަކުގައި މީހުން ބަންދުކުރުމުގައި ކަނޑައެޅިފައިވާ ޤާނޫނީ އޮނިގަނޑުގެ ރައްކާތެރިކަމާއި ޙިމާޔަތްތެރިކަން، ބަންދުކުރެވޭ މީހުންނަށް ލިބިދީފައިވާ މިންވަރު ދެނެގަނެ އެފަރާތްތަކުގެ ކަންބޮޑުވުންތަކާއި ދަތިތައް އޮޅުން ފިލުވާފައިވާނެކަމަށްވެސް އެކޮމިޝަނުން ވިދާޅުވެފައިވެއެވެ.

އެ ކޮމިޝަންގެ ފަރާތުން ވަނީ ޖަލުގައި ޙުކުމް ތަންފީޛުކޮށްފައިވާ ދައުލަތުގެ މަތީ މަޤާމްތަށް ފުރުއްވާފައިވާ ފަރާތްތަކާއި ބައްދަލުކުރުމަށް ނިންމާފައިވާކަމަށްވެސް ކޮމިޝަން ފޮރ ޕްރިޒަން އޯޑިޓް އިން ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެގޮތުން ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދާ ބައްދަލުކޮށް ޖަލުތަކުގެ ބަންދުގައި ހުރި މުއްދަތުގައި ތަހައްމަލްކުރަންޖެހިވަޑައިގެންނެވި ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުވާފައިވާނެކަމަށާއި، ކުރިއަށް އޮތްތަނުގައި އެހެން ފަރާތްތަކާވެސް ބައްދަލުކޮށް ޖަލުތަކުގެ ބަންދުގައި ހޭދަކުރި މުއްދަތުގައި ކަންކަން ހިނގައިދިޔަގޮތް ވަޒަންކުރުމަށް މަސައްކަތްތަކެއް ރާވާފައިވާކަމަށްވެސް ނޫސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.