ކުޅިވަރު

ރޮނާލްޑޯގެ ލަނޑުން މޮޅުވެ ޔުވެންޓަސް އިޓާލިއަން ސުޕަރ ކަޕް ކާމިޔާބުކޮށްފި


ކްރިސްޓިއާނޯ ރޮނާލްޑޯ ޖަހައިދިން ހަމައެކަނި ލަނޑުން އެސީ މިލާނުގެ މައްޗަށް ކުރި ހޯދާއި ޔުވެންޓަސް އިޓާލިއަން ސުޕަރ ކަޕް ކާމިޔާބުކޮށްފި އެވެ.

ސައުދީ އަރަބިއްޔާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީގައި ރޭ ކުޅުނު މި މެޗުގައި ރޮނާލްޑޯ ލަނޑު ޖެހީ މެޗުގެ ފަސްދޮޅަސް އެއްވަނަ މިނެޓުގައެވެ. މި ލަނޑަކީ ޔުވެންޓަސްއަށް ރޮނާލްޑޯ ޖަހައިދިން 16 ވަނަ ލަނޑެވެ. ރޭގެ މޮޅާއެކު ޔުވެންޓަސްއިން ވަނީ އަށްވަނަ ފަހަރަށް ކޮޕާ އިޓާލިއާ ކާމިޔާބު ކޮށްފައެވެ.

ރޭގެ މެޗަށް ނުކުތް އިރުވެސް ފެވަރިޓުންނަކީ ޔުވެންޓަސް އެވެ. ރަނގަޅު ފޯމެއްގައި ޔުވެންޓަސް މެޗަށް ނުކުތް އިރު، މެޗުގެ ކުރީކޮޅުގައި މިލާންގެ ޕެޓްރިކް ކުތްރޯނޭގެ ހަމަލާއެއް ވަނީ ގޯލްގެ މަތީ ދަނޑިއަށްވެސް އަމާޒުވެފަ އެވެ.

ރޭގެ މެޗުގައި ގިނަބައެއްގެ ލޯތަށް އަމާޒުވެފައިވާ މިލާންގެ ފޯވަޑް، ގޮންޒާލޯ ހިގުއައިންވެސް މެޗުންވަނީ ފެނިފަ އެވެ. ހިގުއައިން މިލާން ދޫކޮށް ޗެލްސީއަށް ދާނެ ކަމުގެ ވާހަކަތައް ދެކެވިފައިވާ އިރު، މިލާންގެ ކޯޗު ގަޓޫސޯ އޭނާ ބޭނުން ކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ގަޓޫސޯ މެޗަށްފަހު ބުނީ ހިގުއައިންއަށް ފުރަތަމަ އެގާރައިން ޖާގަ ނުދިނީ އޭނާ ހުންއައިސް ބަލިވެ އުޅޭތީކަމަށެވެ.