ޓުއަރިޒަމް

ފަތުރުވެރިންނަށް ޙިދުމަތްދޭ ހުރިހާ ތަނެއް އިންސްޕެކްޓްކުރަނީ


ޓޫރިސްޓުންނަށް ޙިދުމަތްދޭ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްއޮތް 6 މަސްދުވަހާއި 8 މަސްދުވަހުގެ ތެރޭގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ހުރިހާ ތަނެއް އިންސްޕެކްޓްކުރާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން މީޑިއާއަށް މައުލޫމާތުދެއްވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގައި ހިތާމަވެރި ހާދިސާތަކެއް ހިނގަމުންދާތީ ރައީސްގެ އިސްނެންގެވުމުގެ ދަށުން މިހާރު ޙާއްސަ ކޮމެޓީއެއް އެކުލަވާލައްވާފައިވާކަމަށެވެ. މި ކޮމިޓީގެ ބެލުމުގެ ދަށުން ކުރިއަށްއޮތް 6 މަސްދުވަހާއި 8 މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދޭ ހުރިހާ ތަނެއް ޤާނޫނާއި ޤަވައިދަށް އަމަލުކުރޭތޯ ބަލައި އިންސްޕެކްޓްކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަން ކުރަނީ އެންމެން ގުޅިގެން ދާއިރާގެ ކަންކަން ކުރިއެރުވުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި އިންސްޕެކްޝަން ނިމިގެންދާއިރު ޙިދުމަތްދޭ ތަންތަނުގެ ހުރިހާ ކަމެއް ދެނެގަނެވޭނެކަމަށާއި، މިއީ ދާއިރާ ކުރިއެރުވުމަށް ލިބޭނެ ރަނގަޅު ފުރުސަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އިންސްޕެކްޓްކުރުމަށްފަހު އެކަންކަން ހައްލުކުރުމަށްވެސް މަސައްކަތްކުރާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ހިތާމަވެރި ހާދިސާތަކުގައި ފަތުރުވެރިން މަރުވަމުންދާ މައްސަލައިގައި، ޤާނޫނާއި ޤަވާއިދުތައް އިސްލާހު ކުރާނެކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ އައިސް އުޅުނު 9 ފަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި ޙިދުމަތްދޭ 3 މުވައްޒަފުން ވަނީ މަރުވެފައެވެ. އަދި އަލިފާނުގެ 2 ހާދިސާއެއް ވަނީ އެތަންތަނުގައި ހިނގާފައިވެއެވެ.