ޚަބަރު

ވިޝާމާގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި


މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި މަރުވި 27 އަހަރުގެ އަންހެން މީހާގެ މަރުގެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ އިއްޔެ ހައްޔަރުކުރި މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލަ އިތުރަށް ތަޙްޤީގުކުރުމަށްކަމަށެވެ. މި މީހާއާއި ގުޅޭ އެއްވެސް މަޢުލުމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ހުޅުމާލެއިން މަރުވެފައިވަނީ، ހުޅުމާލެ މުރަކަ ހަތެއް، އާއިޝަތު ވިޝާމާއެވެ. ފުލުހުން ބުނެފައިވަނީ ވިޝަމާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށާއި، ބޭރުފުށުން އަނިޔާގެ އެއްވެސް ނިޝާނެއް ފެންނަން ނެތްކަމަށެވެ.

ފުލުހުން ބުނެފައިވަނީ އަންހެން މީހާ މަރުވި ސަބަބު ހޯދުމަށް ތަޙްގީގު ކުރަމުންދާތީ، މަރުގެ ސަބަބާއި ގުޅޭގޮތުން އަދި ވަކި އެއްޗެއް ހާމަކުރެވެން ނެތްކަމަށެވެ.

ވިޝާމާގެ މަރުގެ މައްސަލައިގެ އިތުރުން، މާލޭގައި މިދިޔަ ހޮނިހިރު ދުވަހު މަރުވެފައި އޮތްވާ ފެނުނު 27 އަހަރުގެ ފިރިހެނެއްގެ މަރުގެ މައްސަލަވެސް ފުލުހުން ދަނީ ތަޙްގީގުކުރުމުންނެވެ. މިމީހާ މަރުވި ސަބަބު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.