ޚަބަރު

ރާއްޖެއަށް އިސްލާމިކް ޓޫރިޒަމް ތަޢާރަފްކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި


ދިވެހިރާއްޖޭއަށް އިސްލާމިކް ޓޫރިޒަމް ތަޢާރަފްކުރުމާއި ގުޅޭގޮތުން ކަމާގުޅުންހުރި މުއައްސަސާތަކާއި ޓޫރިޒަމް މިނިސްޓަރު މަޝްވަރާކުރައްވައިފިއެވެ.
ރާއްޖެއަށް އިސްލާމިކް ޓޫރިޒަމް ތަޢާރަފްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވަނީ، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިސްމާޢިލް ހަމީދު އަދި މޯލްޑިވްސް ސެންޓަރ ފޯރ އިސްލާމިކް ފައިނޭންސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ދީދީއާއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ، މިނިސްޓްރީގެ އަމާޒަކީ ރާއްޖެއަށް އެކި ބާވަތްތަކުގެ ފަތުރުވެރިކަން ތަޢާރަފްކުރުންކަމަށެވެ. އިސްލާމިކް ޓޫރިޒަމް ރާއްޖެއަށް ތަޢާރަފްކުރާނީ ފުރަތަމަ ވަކި ރިސޯޓަކަށް އަމާޒުކޮށްގެންކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ. މިހާރު ކުރިއަށްދަނީ އެހެން ޤައުމުތަކުގައި މި ބާވަތުގެ ފަތުރުވެރިކަން ކުރާގޮތް ބަލައި ދިރާސާކުރުމުގެ މަރުހަލާކަމަށާއި، އަމާޒަކީ މިއަހަރުގެ ތެރޭގައި ރާއްޖެއަށް އިސްލާމިކް ޓޫރިޒަމް ތަޢާރަފްކުރުންކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް ޓޫރިޒަމް ހިންގާނީ އިސްލާމީ އުސޫލްތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ. އިސްލާމިކް ޓޫރިޒަމްގައި ރިސޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ސަފާރީފަދަ ތަންތަން ހިންގަނީ، ބަނގުރަލާއި އޫރު މަހުގެ ބާވަތްތައް އަދި އެނޫންވެސް ހަލާލު ނޫން އުފެއްދުންތައް ނުލައެވެ.
މިއަހަރުގެ ތެރޭގައި ރާއްޖެއަށް "ސްޕޯރޓްސް ޓޫރިޒަމް" ތަޢާރަފްކޮށް ފުޅާދާއިރާއެއްގައި އެކަން ކުރިއަރުވަން މަސައްކަތް ކުރައްވާނެކަމަށް ޓޫރިޒަމް މިނިސްޓަރު ވަނީ މީގެކުރިން ވިދާޅުވެފައެވެ. މިކަމާއި ބެހޭގޮތުން ރިއަލް މެޑްރިޑްގެ ކުރީގެ ތަރި އަދި ސްޕެއިންގެ ލެޖެންޑް މިޝެލް ސެލްގާޑޯއާއި މަޝްވަރާކުރައްވާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރު ޢަލީ ވަހީދު ވިދާޅުވީ، މިއަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ފުޅާދާއިރާއެއްގައި ކުރިއެރުވުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ.

މިހިނގާ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި އުޖާލާ އަހަރަކަށް ހެދުމަށްޓަކައި ކުރިން ނުފެންނަ އެކި ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އެގޮތުން ސަރުކާރުން ވަނީ، ދިވެހިރާއްޖެ އިސްތިހާރުކުރުމަށް އޮންނަ ބަޖެޓުވެސް މީގެކުރީ އަހަރުތަކަށްވުރެ 3 ގުނަ މިއަހަރު ބޮޑުކޮށްފައެވެ