ސިޔާސީ

މަޖިލީހުގެ އާ ދައުރަށް މުހިންމު ބިލްތަކެއް ސަރުކާރުން ހުށަހަޅާނެ-


މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ކުރިން ސަރުކާރުން މުހިއްމު ބިލްތަކެއްތައްޔާރުކޮށް މަޖިލީހަށް ހުށައަޅުއްވާނެކަމަށް މެޖޯރިޓީ ލީޑަރ ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.އެމްބީސީ ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ނިހާން ވިދާޅުވީ، އާ ބިލްތަކެއް ތައްޔާރުކޮށް ހުށައެޅިނަމަވެސް އެންމެ އިސްކަމެއްދެއްވައިގެން ކުރިއަށްގެންދާނީ ނިމުނު ދައުރުގައި ނުނިމި ހުރި ބިލްތައްކަމަށެވެ.ނިމިދިޔަ ދައުރުގައި ނުނިމި މަޖިލީހުގެ ތަޅުމުގައި އޮތީ ބާރަ ބިލެއް. އަލަށް މަޖިލީހަށް ހުށައެޅުމަށް ތައްޔާރުވަމުންދަނީ ކޮންކޮން ބިލްތަކެއްކަމެއް ނިހާން ވިދާޅެއްނުވެއެވެ.ރައީސުލްޖުމްޖޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުޢާޒް ޢަލީ ވިދާޅުވީ، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއާއި އެއްގޮތަށް ބިލްތައް މަޖިލީހަށް ހުށައަޅުއްވަމުން ގެންދަވާނެކަމަށާއި، އެކަން ކުރިއަށް ގެންދަވާނީ ބަންޑާރަ ނައިބުގެ އޮފީހުންކަމަށެވެ. އެގޮތުން ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ އިޖްތިމާއީ އަދި އިޤްތިޞާދީ ދާއިރާގެ ބިލްތަކަށްކަން ފާހަގަކުރައްވާ މުޢާޒް ވިދާޅުވީ، އެބިލްތަކުގެ ތެރޭގައި، އިންވެސްޓަރުންނާއި ގުޅުންހުރި ބިލްތަކާއި، ކުށް މަދުކުރުމާއި ގުޅުންހުރި ބިލްތަށް ހިމެނޭކަމަށެވެ.އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގައި މަޖިލީހުގެ ތަޅުމަށް ސޯޅަ ބިލެއް އަލަށް ހުށަހަޅާފައިވެއެވެ. އަދި ދެހާސް ސާދަ ވަނަ އަހަރަށް މަޖިލިސް ނިންމާލިއިރު  އަށާރަވަނަ މަޖިލީހުގެ ދެދައުރަށް ހުށައެޅި ތިރީސް ތިން ބިލުގެ ތެރެއިން އެކާވީސް ބިލުގެ މަސައްކަތް މަޖިލީހުން ވަނީ ނިންމާލާފައެވެ. މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވޭނީ މާރޗް މަހުގެ ކުރީކޮޅުގައެވެ.