ޚަބަރު

މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބުކޮށްފި


މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ތިންވަނަ ދައުރަށް މެންބަރުން އިންތިޚާބުކޮށްފިއެވެ.

މާލެ ސީޓިގެ 15 ދާއިރާއަކުންވަނީ ކޮމިޓީއަށް މެންބަރުން އިންތިޚާބްކޮށްފައެވެ. މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ތިންވަނަ ދަޢުރަށް އިންތިޚާބުވި 15 މެންބަރުންވަނީ އެކަމުގެ އިޤުރާރުގައި ސޮއިކުރައްވާފައެވެ. ސޮއިކުރެއްވުމަށްފަހު، ކޮމިޓީގެ ފުރަތަމަ ބައްދަލުވުންވެސްވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއާއި ނައިބް ރައީސާ ވެސްވަނީ ހޮވާފައެވެ.

ކޮމިޓީގެ މެންބަރުންގެ މެދުގައި ނެގި ވޯޓުން ކޮމިޓީގެ ރައީސާއަށް ހޮވާފައިވަނީ މާފަންނު އުތުރު ދާއިރާ ތަމްސީލްކުރައްވާ މެންބަރު ފާޠިމަތު ސަމީރެވެ. އަދި ނައިބް ރައީސާކަމަށް ހޮވާފައިވަނީ ހުޅުމާލެ ދާއިރާގެ މެންބަރު ޒުލައިޚާ ޢަލީއެވެ. މި ބައްދަލުވުން ޗެއަރ ކުރައްވާފައިވަނީ މާލެސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދެވެ.

ބައްދަލުވުމަށްފަހު ވާހަކަފުޅުދައްކަވަމުން ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ މީގެ ކުރިން ކޮމިޓީގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރުމުގެ ފުރުސަތު ކޮމިޓީތަކަށް ލިބިފައި ނުވާކަމަށެވެ. ނަމަވެސް މި ދައުރުގައި ކޮމިޓީއާއި ސިޓީ ކައުންސިލާއި ޖެންޑަރ މިނިސްޓްރީފަދަ ކަމާއި ގުޅުންހުރި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ސިފާ ވިދާޅުވިއެވެ. އަދި އަންހެނުންނަށް އެންމެ މުހިންމު ދާއިރާތަކުން އެހީތެރިކަން ދޭނެކަމަށް ވިދާޅުވިއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެނބަރުން ހުވާކުރުމަށް ބޭއްވި ޖަލްސާގައި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފާއި މާލެސިޓީ ކައުންސިލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.