ޚަބަރު

ޢަބްދުﷲ ސަޢީދާއި ޢަލީ ހަމީދު އަދި ޙަސަން ސަޢީދުގެ ކޮރަޕްޝަން މައްސަލައެއް އޭސީސީއަށް


ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި ފަނޑިޔާރު ޢަލީ ހަމީދާއި ކުރީގެ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ޙަސަން ސަޢީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޚިޔާނާތުގެ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ފޮނުވައިފިއެވެ.

މި ތިން ބޭފުޅުންގެ މައްޗަށް ތުހުމަތުކުރެވޭ ޚިޔާނާތުގެ މައްސަލަ އޭސީސީއަށް ފޮނުވާފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ. ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިކަން ކަށަވަރުކޮށްދީފައިވީނަމަވެސް އިތުރު މަޢުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލަތައް ފެންމަތިވެފައިވަނީ ޑީޖޭއޭއިން ކުރި އިންޓަރނަލް އޮޑިޓެއްގެ ތެރެއިންނެވެ. އޭގެ ތެރޭގައި، ސިވިލް ކޯޓުގެ ޑިވިޝަނެއް ހުޅުމާލޭގައި ހެދުމަށް ބަޔަކާ ހަވާލުކޮށް ކުރި މުއާމަލާތްތަކެއްގެ މައްސަލައާއި، ހައި ކޯޓުގެ ނަމުގައި އެކޯޓަށް ނޭނގި ކަސްރަތު ކުރުމަށް ބޭނުންކުރާ ދުވާ މެޝިނެއް ގަނެފައިވާ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

މި ކޮރަޕްޝަންގެ މައްސަލަތަކުގައި ތުހުމަތު ކުރެވެނީ ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޙަސަން ސަޢީދާއި، ކުރީގެ ފަނޑިޔާރު ޢަލީ ހަމީދުގެ މައްޗަށްކަމަށް މަޢުލޫމާތު ލިބެއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ ޝަރުޢީ ދާއިރާގެ އިދާރީ އެންމެހައި ކަންކަން ރާވާއި ހިންގައި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ އިދާރާއެވެ.