ވިޔަފާރި

ނެޓްފްލިކްސްގެ ފީ ބޮޑުކުރަނީ


އޮންލައިންކޮށް ފިލްމާއި ސީރީސްތައް ބަލަން ބޭނުންކުރާ، ނެޓްފްލިކްސްގެ ސަބްސްކްރިޕްޝަން ފީ ބޮޑުކުރަން އެކުންފުނިން ނިންމައިފިއެވެ.

ނެޓްފްލިކްސްގެ ސަބްސްކްރިޕްޝަން އަގުތައް ބޮޑުކުރުމަށް ނިންމާފައިވާއިރު މިހާތަނަށް އަގު ބޮޑުކުރަން ނިންމާފައިވަނީ އެމެރިކާގައި އެކަންޏެވެ. ނެޓްފްލިކްސްގެ ހުރިހާ ޕްލޭނަކުން އެއް ޑޮލަރާއި ދެ ޑޮލަރާއި ދެމެދަށް އަގު ބޮޑުކުރުމަށް އެކުންފުނިން ނިންމާފައިވާއިރު މިހާރު އެންމެ އަގުހެޔޮކޮށް އޮންނަ 8 ޑޮލަރުގެ ބޭސިކް ޕްލޭން ކުރިއަށްއޮތްތާނގައި ސަބްސްކްރައިބް ކުރެވޭނީ 9 ޑޮލަރަށެވެ.

11 ޑޮލަރުގައި އޮތް ނެޓް ފްލިކްސްގެ އެންމެ މަޤްބޫލު އެޗްޑީ ސްޓޭންޑަރޑް ޕްލޭން 13 ޑޮލަރަށް ބަދަލުކޮށްފައިވާއިރު "ފޯ-ކޭ ޕްރިމިއަމް ޕްލޭން" ވަނީ 14 ޑޮލަރުން 16 ޑޮލަރަށް ބަދަލުކޮށްފައެވެ. މިއާއިއެކު ކުންފުނީގެ ސްޓޮކް ވަނީ 6.5 އިންސައްތައަށް އިތުރުވެފައެވެ.

ނެޓްފްލިކްސްގެ ސަބްސްކްރިޕްޝަން ފީ އެންމެ ފަހުން ބޮޑުކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ.

ނެޓްފްލިކްސްއިން އަގުތައް ބޮޑުކުރުމުގެ ސަބަބެއްކަމުގައި ގިނަބަޔަކު ޤަބޫލުކުރަނީ އިތުރު ޚިދުމަތްތައް ތަޢާރަފްވުމެވެ. އެގޮތުން ޑިސްނީ ޕްލަސް މިއަހަރު ތަޢާރަފްވުމާއިއެކު ޑިސްނީގެ މަޝްހޫރު ބްރޭންޑްތައް ކަމުގައިވާ މާރވެލްއާއި ސްޓަރ ވާރސްގެ ކޮންޓެންޓް އާންމުންނަށް އޮންލައިންކޮށް ބަލާލެވޭނެއެވެ.

މީގެއިތުރުން އެޕަލް ކުންފުންޏާއި ވާރނަރ މިޑިއާ އަދި އެންބީސީ ޔުނިވަރސަލްއިން އަމިއްލަ ކޮންޓެންޓް ހިމެނޭހެން ޚިދުމަތް ފަށަން ތައްޔާރުވެފައިވާއިރު މިއީ ވެސް ނެޓްފްލިކްސްގެ ފީ ބޮޑުވުމަށް މެދުވެރިވާ ސަބަބެއްކަމުގައި ގިނަ ފަރާތްތަކުން ބުނެއެވެ.

ނެޓްފްލިކްސްގެ ފީ ބޮޑުކުރުމަށް އެކުންފުނިން ނިންމާފައިވާއިރު ނެޓްފްލިކްސް ނެޓްވޯކަށް ލިބެމުންދާ ތަރުޙީބު އަދިވެސް ދަނީ އިތުރުވަމުންނެވެ. އެކުންފުނިން ބުނީ ފީތައް ބޮޑުކުރަން ނިންމާފައިވީނަމަވެސް މިހާރު ތިބި ކަސްޓަމަރުންނަށް ތިން މަސް ދުވަސްވަންދެން ކުރީގެ އަގުގައި ނެޓްފްލިކްސް ބޭނުންކުރެވޭނެކަމަށެވެ. އެހެންނަމަވެސް އަލަށް ނެޓްފްލިކްސް ބޭނުންކުރާ ފަރާތްތަކުން މިހާރު ކަނޑައަޅާފައިވާ އަގުތައް ދައްކަންޖެހޭނެކަމަށް ނެޓްފްލިކްސްއިން ބުނެއެވެ.

ނެޓްފްލިކްސްއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑު މަޤްބޫލުކަމެއް ލިބިފައިވާއިރު މިހާރުވެސް 137 މިލިއަން މީހުން ނެޓްފްލިކްސް ބޭނުންކުރެއެވެ. އަދި ދާދިފަހުން ނެޓްފްލިކްސްއިން ނެރުނު ބިރުވެރި ފިލްމް "ބަރޑް ބޮކްސް" އަށް ބޮޑު ތަރުޙީބެއް ލިބިގެންދިޔައިރު ފިލްމް ނެރުނު ފުރަތަމަ ހަފްތާގައި 45 މިލިއަން އެކައުންޓުން މި ފިލްމް ބަލާފައިވާކަމަށް ނެޓްފްލިކްސްއިން ބުނެއެވެ.