ވިޔަފާރި

މީރާގައި ރަޖިސްޓަރީކުރުމަށް ލާޒިމުނުވާ ފަރާތްތައް ރަޖިސްޓަރީން އުނިކުރުމަށް ނިންމުން


މީރާގައި ރަޖިސްޓަރީކުރުމަށް ލާޒިމުނުވާ ފަރާތްތައް ރަޖިސްޓަރީން އުނިކުރަން ހުށަހެޅުމަށް މީރާއިން
އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ބުނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކާ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ރަޖިސްޓަރީކުރުމަށް ކަނޑައަޅައިފައިވާ ޝަރުތުތައް ހަމަނުވާ ފަރާތްތަކުން މީރާގެ ރަޖިސްޓަރީން އުނިކުރުމަށް ހުށަހެޅުމަށެވެ.

މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި މިހާރު ވިޔަފާރިނުކުރާ ފަރާތްތަކާ، އެ ފަރާތަކަށް ލިބޭ އާމްދަނީއަށް ބަލާއިރު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން، ރަޖިސްޓަރީ ކުރުން ލާޒިމުނުވާ ގިނަ ފަރާތްތަކެއް ހިމެނޭކަމަށާއި މި ފަރާތްތަކުން ޓެކުހާ ގުޅިގެން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކުރަން ޖެހުމުގެ ސަބަބުން އެކިއެކި ދަތިތައް ކުރިމަތިވަމުން ދާކަމުގެ ޝަކުވާ ލިބެމުންދާކަން މީރާއިން ފާހަގަކުރެއެވެ.

މީރާއިން ބުނީ، ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކުން ވިޔަފާރިއެއް ނުކުރިކަމުގައިވިއަސް، ޓެކްސްގެ ޤާނޫނާއި ގަވާއިދުތަކުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާނުކުރާނަމަ، ޤާނޫނުގެ ދަށުން އެފަރާތް ޖޫރިމަނާ ވަމުންދާނެތީ، ވިޔަފާރިނުކުރާ ފަރާތްތައް ރަޖިސްޓަރީން އުނިކުރުމަކީ މުހިއްމު ކަމެއްކަމުގައި މީރާއިން ދެކޭކަމަށެވެ.

މިގޮތުން، ޓެކުހުގެ ޤާނޫނުތަކުގެ ދަށުން ރަޖިސްޓަރީކުރުމަށް ޝަރުތު ހަމަނުވާ ފަރާތްތަކުން، ރަޖިސްޓަރީން އުނިކުރުމަށް މީރާއަށް ހުށަހެޅުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.