ޚަބަރު

އީރާނުން ޖައްވަށް ސެޓެލައިޓެއް ފޮނުވަން ކުރި މަސައްކަތް ކާމިޔާބެއް ނުވި


އީރާނުން، ޖައްވަށް ސެޓަލައިޓެއް ފޮނުވުމަށް އެންމެ ފަހުން ކުރި މަސައްކަތްތައް ނާކާމިޔާބުވެއްޖެއެވެ.

އީރާނުގެ ޓެލެކޮމް މިނިސްޓަރު މުޙައްމަދު ޖަވާދު އަޒާރީ ޖަރޯމީ ވަނީ، އެ ޤައުމުން އަންގާރަ ދުވަހު ޖައްވަށް ފޮނުވި ސެޓަލައިޓް އޭތީގެ މަންޒިލަށް ނުފޯރާ ހަލާލުވެފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.

މިކަމާ ބެހޭގޮތުން ޖަރޯމީ ވިދާޅުވީ، ޕަޔާމްގެ ނަންދީފައިވާ އެ ސެޓަލައިޓް ލޯންޗުކުރުން ނާކާމިޔާބުވެފައިވަނީ ތިންވަނަ މަރުހަލާގައި ކަމަށާއި، އެ ސެޓަލައިޓް ނާކާމިޔާބުވީ މަންޒިލަށް ވާސިލްވުމަށް ބޭނުންވާ ދުވެލި ނުނެގުމުންކަމަށެވެ. މި ސެޓަލައިޓަކީ ފޮޓޯ ނެގުމަށާއި މުވާސަލާތީ ގުޅުމަށްޓަކައި ޖައްވަށް ފޮނުވި ސެޓަލައިޓެއް ކަމަށްވެސް އީރާނުން ވަނީ ބުނެފައެވެ.

އީރާނުން މި ސެޓަލައިޓް ލޯންޗްކުރަން މަސައްކަތް ކުރީތީ އެމެރިކާއިން ވަނީ މިކަން ކުށްވެރިކޮށްފައެވެ. މިކަމާ ބެހޭގޮތުން ކުރެއްވި ޓްވީޓެއްގައި އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވީ، އީރާނުން މިކަން ކޮށްފައިވަނީ ބައިނަލްއަޤުވާމީ ދުނިޔޭގެ ގޮވާލުންތަކަށް ފުރަގަސްދިނުމަށްފަހު ކަމަށެވެ.

މި ސެޓަލައިޓް ލޯންޗް ކުރުމުން ވެސް ދޭހަވަނީ އީރާނުން މެދު އިރުމައްޗާއި ވިލާތަށް ނުރައްކާވާ ފަދަ ބެލެސްޓިކް މިސައިލް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަން ކަމަށާއި، މި ފަދަ މިސައިލްތައް އުދުއްސާލުމުގެ ޤާބިލިއްޔަތު އެގައުމުގައި ހުރިކަން ކަމަށްވެސް ޕޮމްޕެއޯ ވިދާޅުވިއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވީ، އީރާނުގެ މިފަދަ ޢަމަލުތައް އެމެރިކާއިން ބަލައިނުގަންނާނެ ކަމަށެވެ.