ޚަބަރު

ކުޅުދުއްފުށީގައިވެސް ނެއިބަރހުޑް ޕޮލިސްގެ ޚިދުމަތް ތަޢާރަފްކުރަނީ


ހދ. ކުޅުދުއްފުށީގައި ނެއިބަރހުޑް ޕޮލިސްގެ ޚިދުމަތް ތަޢާރަފްކުރުމަށް އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ.

މި މަހުގެ 14 އިން 19 އަށް ކުރިއަށްގެންދާ މިޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ އޮފީސްތަކާއި، ގޭގެއާއި، ފިހާރަތަކަށް ޒިޔާރަތްކޮށް މިކަމާ ގުޅޭގޮތުން އާންމު ރައްޔިތުންގެ ޚިޔާލު ހުރިގޮތް ހޯދައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން ނެއިބަރހުޑް އޮފިސަރުންނާ އާންމު ރައްޔިތުންނާ އޮންނަ ގުޅުން ބަދަހިކުރުމާއި އާންމު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާގުޅޭ ގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައި ވާކަމަށް ފުލުހުން ބުނެއެވެ. މި ޕްރޮގްރާމްގެ ތެރެއިން ރަށުތެރޭގައި އަމާންކަން ޤާއިމުކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަނެ އެކަންކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެއެވެ.

މީގެއިތުރުން މި ފްރޮގްރާމްގެ ތެރެއިން ނެއިބަރހުޑް އޮފިސަރުންގެ ފަރާތުން ރައްޔިތުން ބޭނުންވާ ކަންކަމަކީ ކޮބައިކަން އޮޅުންފިލުވައި ޖިނާއި އަދުލުގެ ނިޒާމާ ގުޅޭގޮތުން މައުލޫމާދުދިނުމަށް ހަމަޖެހިފައިވެއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު، މާލޭގައި ތަޢާރަފްކުރި ފުލުހުންގެ ނެއިބާރހުޑް ސަޕޯޓް އޮފިސަރުންގެ ޚިދުމަތަކީ ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދަތް ދިނުމަށްޓަކައި ފެށި ޚިދުމަތެކެވެ. އެގޮތުން ފުލުހުންގެ ނެއިބަރހުޑް ސަޕޯޓް އޮފިސަރުންނާ އެކިކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމާއި، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އާންމު ރައްޔިތުންނަށް ލިބިގެންދާނެއެވެ. މި ޚިދުމަތް އަތޮޅުތެރެއަށް ފުޅާކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.