ޚަބަރު

އެއްބަސްވުމެއް ނެތި ބްރެކްސިޓް ކުރިއަށްގެންގޮސްފިނަމަ ގެއްލުންވާނީ އިނގިރޭސިވިލާތައް: މެކްރޯން


އެއްވެސް އެއްބަސްވުމަކާ ނުލާ އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވެއްޖެނަމަ އެ ކަމުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީވެސް އިނގިރޭސިވިލާތަށް ކަމަށް ފަރަންސޭސިވިލާތުގެ ރައީސް އެމެނުއަލް މެކްރޯން ވިދާޅުވެއްޖެއެވެ.

މެކްރޯން މިހެން ވިދާޅުވެފައި މިވަނީ، ސަތާރަ މަސް ދުވަހުގެ މަޝްވަރާތަކަށް ފަހު އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިހާދާ ދެމެދު މިދިޔަ ނޮވެމްބަރު މަހު ޤާއިމުކުރި އެއްބަސްވުމަށް، އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުން ރުހުން ދިނުމަށް ދެކޮޅަށް ހަދާފައިވާ ދަނޑިވަޅެއްގައެވެ.

ފަރަންސޭސިވިލާތުގެ ނޯމަންޑީގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މެކްރޯން ވިދާޅުވީ، އަންގާރަ ދުވަހު ޤާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓަށް ފަހު އިނގިރޭސިވިލާތުން ދެން މަސައްކަތްކުރާނީ އެއްބަސްވުމަކާ ނުލާ ވިލާތުގެ އިއްތިހާދުން ވަކިވުމަށް ކަމަށާއި، މިކަމުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީވެސް އިނގިރޭސިވިލާތަށް ކަމަށެވެ.

މިހާރު ޤާއިމުކޮށްފައިވާ އެއްބަސްވުމާ ބެހޭގޮތުން ވިލާތާ އެކު އަލުން މަޝްވަރާތައް ކުރުމަށް އިނގިރޭސިވިލާތުން ހުށަހެޅިކަމުގައިވިޔަސް، ވިލާތުގެ އިއްތިހާދުން މިހާރު އޮތް އެއްބަސްވުމަށް މާ ބޮޑު ބަދަލުތަކެއް ނުގެންނާނެ ކަމަށްވެސް މެކްރޯން ވިދާޅުވިއެވެ. މެކްރޯން ވިދާޅުވީ، މިހާރު އޮތް އެއްބަސްވުމަކީ ވިލާތުގެ އިއްތިހާދުން ހާސިލްކުރަން ބޭނުންވާ ގިނަ ކަންކަމަށް މަގުފަހިވާ ފަދަ އެއްބަސްވުމެއް ކަމަށާއި، މި އެއްބަސްވުމާ މެދު ވިލާތުގެ އެހެން ޤައުމުތަކުން ހިތްހަމަޖެހޭކަމަށެވެ.