ޚަބަރު

ކޯލިޝަން ސަރުކާރު ދެމެހެއްޓޭނީ އެންމެން ގުޅިގެން - ޝައިޚް ޒައިދު


ކޯލިޝަނަކުން އުފެދިފައިވާ ސަރުކާރު އެގޮތުގައި ދެމި އޮންނާނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަަމަށް ދީނީ ޢިލްމުވެރިޔާ އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޒައިދު، ކުރެއްވި ޓްވީޓެއްގައިވަނީ ކޯލިޝަން ސަރުކާރުގައި ހިމެނޭ އެއްވެސް ފަރާތަކުން އަމިއްލަ އެދުން އިސް ނުކުރުމަށް ގޮވައިލައްވާފައެވެ. އެއާއެކު އެންމެން އެކުވެރިކަމާއެކު އެއް ޖަމާޢަތެއްގެ ގޮތުގައި ދެމި ތިބުމަކީ އެއްމެ މަސްލަހަތު ބޮޑު ގޮތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝައިޚް ޒައިދު، މިހެން ވިދާޅުވެފައި މިވަނީ، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކުރައްވައި ބަހުގެ ހަމަލާތަކެއް ދެއްވާފައި ވަނިކޮށެވެ.

ޖޭޕީ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްވަނީ ހުރިހާ މައްސަލައެއް ދިމާވަނީ ފައިސާ ބަހާ މަހުޖަނު ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވާފައެވެ. އެގޮތުން މަހުޖަނުން ހުރިހާ ކަމެއް ބޭނުންވާ ކަމަށް ވިދާޅުވާއިރު ހުރިހާކަމެއް ހަވާލު ކުރަން ޖެހެނީ ޒިންމާއެއް ނެތް ބޭފުޅުންނާތޯ ޤާސިމް ވަނީ ސުވާލު އުފައްދަވާފައެވެ.