ޚަބަރު

އުކުޅަހުގައި ޖޫނިއަރ ކޮލެޖެއް ހަދަނީ


އއ. އުކުޅަހުގައި ހެދުމަށް ހަމަޖެހިފަިއވާ ޖޫނިއަރ ކޮލެޖްގެ މަސައްކަތް ނިމުމާއެކު އެރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަމަށް އއ. އުކުޅަހު ކައުންސިލުގެ ރައީސް ޝައުޤަތު އިބްރާހިމް ވިދާޅުވެއްޖެއެވެ. 2019 ވަނަ އަހަރުގެ ބަޖެޓުގައި އުކުޅަހުގައި ޖޫނިއަރ ކޮލެޖެއް އެޅުމަށް 3 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ޖުމްލަ 346 ދަރިވަރުން ތަޢުލީމު ޙާސިލްކުރަމުންދާ އއ. އުކުޅަހު ސްކޫލަކީ އެ އަތޮޅުގައި ނަރސަރީން ފެށިގެން އޭލެވެލްއާ ހަމައަށް ކިޔަވައިދެމުންދާ ހަމައެކަނި ސްކޫލެވެ. 2010 ވަނަ އަހަރު މި ސްކޫލްގައި އޭލެވެލްއާ ހަމައަށް ކިޔަވައިދޭން ފެށުމާއެކު އުކުޅަހަށް ތަޢުލީމު ޙާސިލުކުރަން ރަށްރަށުން އަންނަ ދަރިވަރުންގެ އަދަދުވަނީ އިތުރުވެފައެވެ.

ރަށުގެ ތަޢުލީމީ ޙާލަތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އުކުޅަހު ކައުންސިލްގެ ރައީސް ޝައުޤަތު އިބްރާހިމް ވިދާޅުވީ، އުކުޅަހު ސްކޫލްގެ ޖާގައާ އަޅައި ބަލާއިރު ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ޢަދަދު ގިނަވުމާއެކު ދިރާސީ އައު އަހަރު އެސްކޫލްގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލު ކުރެވޭގޮތް ނުވިކަމަށެވެ.

އުކުޅަހު ކައުންސިލްގެ ރައީސް ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން އެރަށުގައި ޖޫނިއަރ ކޮލެޖެއް އެޅުމަށް ބިންގާ އެޅިނަމަވެސް ފަހުން އައި ސަރުކާރުތަކުން އެމަޝްރޫޢު ކުރިއަށްގެންގޮސްފައި ނުވާކަމަށެވެ. ނަމަވެސް މި ސަރުކާރުން އެ މަޝްރޫޢު ކުރިއަށްގެންދިއުމަށް ނިންމައި މިއަހަރުގެ ބަޖެޓުގައި މިކަމަށް ބޭނުންވާ ފައިސާ ހިމަނާފައިވާތީ، އެރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބުމުގެ އުންމީދު އާވެފައިވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"ކޮންމެ އަހަރަކުވެސް މިދަނީ ސްކޫލަށް އިތުރު ކުދިންތަކެއް އިތުރުވަމުން. މި މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވުމައްޓަކައި ކުރީގެ ރައީސް ނަޝީދު ސަރުކާރުން އުކުޅަހު ޖޫނިއަރ ކޮލެޖް ކެމްޕަހެއް އެޅުމަށް ނިންމަވާ ބިންގާވެސް އަޅާފައިވަނީ. އެހެންނަމަވެސް އެ މަސައްކަތް މިހާތަނަށް އައި އިރު ކުރިއަށް ގޮސްފައެއް ނުވޭ. އެހެންނަމަވެސް ކޮލެޖެއް އެޅުމަށް މި އަހަރުގެ ބަޖެޓުގައި ހިމެނުމާއިއެކު އެރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމުގެ އުންމީދު އަނެއްކާވެސް އާވެއްޖެ." ޝައުޤަތު އިބްރާހިމް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އުކުޅަހު ސްކޫލްގެ ޕްރިންސިޕަލް ޢަބްދުﷲ ޒިޔާދު ވިދާޅުވީ، އަލަށް ހެދުމަށް ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖާއެކު މުޅި އއ. އަތޮޅަށްވެސް ތައުލީމީ އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެކަމަށެވެ. އެގޮތުން އޭލެވެލްއަށް ކިޔެވުމުގެ އިތުރު ފުރުޞަތުތައް އުކުޅަހު ރައްޔިތުންނާއި، އއ. އަތޮޅުގެ ރައްޔިތުންނަށް ފަހިވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކޮންމެ އަހަރަކު 10 އޭލެވެލް ޕްރޮގްރާމްއެއް އެބަ ހުޅުވާލަން. އޭގެ ދަށުން ރާއްޖޭގެ ކަންކޮޅުތަކުން މި ސްކޫލްގައި ހިލޭ އޭލެވެލް ހެދޭނެ އިންތިޒާމު ހަމަޖައްސައިދެން. އުންމީދަކީ އަލަށް ޤާއިމުކުރާ ކެމްޕަހާއެކު މިކަން ފުޅާވެގެންގޮސް، މި ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބިގެން ދިޔުން." އުކުޅަހު ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވިއެވެ.

އުކުޅަހުގައި ހަދާ ޖޫނިއަރ ކޮލެޖްގައި އޭލެވެލްއަށް ކިޔަވައިދިނުމުގެ އިތުރުން، އިތުރު ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިކަމަށް 3 މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާއިރު މިމަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު ނިންމައި އެތަން ހިންގަން ފެށުމަށް އިތުރަށް ބޭނުންވާ 12 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.