ޚަބަރު

އެމްއެމްއައިގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި


ޕަބްލިކް ސަރވިސް މީޑިއާގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމްއެމްއައިއިން 2019 ވަނަ އަހަރަށް ހުޅުވާލި ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ. އެމްއެމްއައިއިން ޑިޕްލޮމާ އަދި ސެޓްފިކެޓް ލެވަލްގެ 6 ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 31 ވަނަ ދުވަހާ ހަމައަށްވަނީ އިތުރުކޮށްފައެވެ.

އެމްއެމްއައި އިން ބުނީ މި ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރީ މިދިޔަ އަހަރުގެ އޯލެވެލް ނަތީޖާ ލިބެންދެން ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްދިނުމަށް ގިނަ ބަޔަކު އެދެމުންދާތީކަމަށެވެ.

2019 ވަނަ އަހަރު ޕަބްލިކް ސަރވިސް މީޑިއާގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް އެމްއެމްއައިގައި ކުރިއަށްގެންދާ 6 ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު އޭގެތެރޭގައި މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވާރސިޓީއާ ގުޅިގެން ކުރިއަށްގެންދާ 2 ކޯހެއްވެސް ހިމެނޭކެމަށް އެމްއެމްއައިއިން މައުލޫމާތުދެއެވެ. އެއީ އެޑްވާންސް ސެޓިފިކެޓް އިން ވީޑިއޯ އެންޑް ފިލްމް ޕްރޮޑަކްޝަން ކޯހާއި، ޑިޕްލޮމާ އިން ވީޑިއޯ އެންޑް ފިލްމް ޕްރޮޑަކްޝަން ކޯހެވެ. މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވަރސިޓީއަކީ ކްރިއޭޓިވް އިންޑަސްޓްރީގައި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ޔުނިވަރސިޓީއެވެ.

މީގެ އިތުރުން އަންނަ އަހަރު އެމްއެމްއައިއިން ހިންގާ ކޯސްތަކަކީ ސެޓްފިކެޓް ވަން އިން ޓެލެވިޜަން ޕްރެސެންޓިންގ އެންޑް ނިއުސް ރީޑިންގް ކޯހާއި، ސެޓްފިކެޓް ތްރީ އިން ބްރޯޑްކާސްޓް މެނޭޖްމަންޓް ކޯހާއި، ސެޓްފިކެޓް ވަން އިން ޓީވީ ޕްރޮޑަކްޝަން ކޯހާއި، ސެޓްފިކެޓް ތްރީ އިން ޖަރނަލިޒަމް ކޯހެވެ. އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯސްތަކަކީ 1 މަހާއި 1 އަހަރާ ދެމެދުގެ ދިގުމިނުގެ ކޯސްތަށްކެއްކަމަށް އެމްއެމްއައިއިން މަޢުލޫމާތުދެއެވެ. އެމްއެމްއައިއިން ހިންގާ ހުރިހާ ކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކުރާ ކޯސްތަކެކެވެ.

އެމްއެމްއައިއިން ހިންގާ ކޯސްތަކާބެހޭ އިތުރު މަޢުލޫމާތު އެމްއެމްއައި ހިންގާ ދިވެހިރާއްޖޭގެ އަޑު ހުންނަ ޢިމާރާތުން ލިބޭނެކަމަށް އެ އިންސްޓިޓިއުޓުން މަޢުލޫމާތުދެއެވެ. އެމްއެމްއައިއިން މިހާރުވެސް މީޑިއާއާއި ކްރިއޭޓިވް އިންޑަސްޓްރީއަށް ބޭނުންވާ މީހުން ތަމްރީނުކުރުމަށް އެކި ލެވެލްތަކުގެ ކޯސްތައް ހިންގަމުން އަންނައިރު، ސްކޫލް ޗުއްޓީއާ ދިމާކޮށް އެމްއެމްއައިއިންވަނީ "ސްކޫލް ހޮލިޑޭ ކްރިއޭޓިވް އެކްސްޓްރަވަގެންޒާ"ގެ ނަމުގައި ޚާއްޞަ ކުރު ކޯސްތަކެއްވެސް ހިންގާފައެވެ.