ޚަބަރު

މަލްޓި ގްރޭޑް އުވާލައި ހަންޏާމީދޫ ސްކޫލްގެ މައްސަލަ ޙައްލުކޮށްފި


އދ. ހަންޏާމީދޫ ސްކޫލްގެ ބެލެނިވެރިންގެ ކަންބޮޑުވުންތައް ޙައްލުކޮށް އެސްކޫލްގެ ގްރޭޑް 4 އަދި 5 ގެ ދަރިވަރުންނަށް ވަކިން ކިޔަވައިދޭންފަށައިފިއެވެ.

ދިރާސީ އައު އަހަރު އދ. ހަންޏާމީދޫ ސްކޫލްގައި މަލްޓިގްރޭޑުގެ ގޮތުގައި ގްރޭޑް 4 އަދި 5 ގެ ދަރިވަރުންނަށް އެއްކޮށް ކިޔަވައިދޭން ފެށުމާ ގުޅިގެން އެ ސްކޫލްގެ ބެލެނިވެރިންވަނީ ނުރުހުން ފާޅުކޮށް، އެ ގްރޭޑްތަކުގެ ކުދިން ސްކޫލަށް ފޮނުވުމަށް ދެކޮޅުހަދާފައެވެ. މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއްވަނީ އެރަށުގައި ހަރަކާތެރިވެފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހަންޏާމީދޫ ސްކޫލްގެ ޕްރިންސިޕަލް ޖޯޖް ތޯމަސް ވިދާޅުވީ ބެލެނިވެރިން އިހުތިޖާޖުކުރީ 2 ގުރޭޑަށް އެއް ކްލާހެއްގައި ކިޔަވައިދިނުމާ ދެކޮޅަށް ކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ޓީމުން އެރަށަށް އައިސް ބެލެނިވެރިންނާ ބައްދަލުކޮށް ކުރި މަޝްވަރާތަކުން މިހާރު މިކަން ހައްލުކޮށް، ދަރިވަރުން ސްކޫލަށް ފޮނުވަން ފަށާފައިވާކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ސްކޫލްގައި މަލްޓި ގްރޭޑް ޓީޗިންގ އުވާލައި 2 ގްރޭޑަށް ވަކިން ކިޔަވައިދޭގޮތަށް ހަމަޖައްސާފައެވެ

އދ. ހަންޏާމީދޫ ސްކޫލްގެ ގްރޭޑް 4 އަދި 5 ގައި ތަޢުލީމު ޙާސިލުކުރަމުންދަނީ 18 ކުދިންކަމަށް އެސްކޫލުން ބުނެއެވެ. ރާއްޖޭގެ ސްކޫލްތަކުގައި މަލްޓި ގްރޭޑް ޓީޗިން ތަޢާރަފްކޮށްފައިވާއިރު، މަލްޓި ގްރޭޑަށް ކިޔަވައިދެނީ ކްލާހެއްގައި ވަކިވަރަކަށްވުރެ ކުދިން މަދުވުމުންނެވެ. މަލްޓި ގްރޭޑަށް ކިޔަވައިދިން ނަމަވެސް ދެ ގްރޭޑްގެ ކަރިކިއުލަމް ވަކިން ފުރިހަމަކުރާ ގޮތަށެވެ.