ޚަބަރު

މިއަހަރުގެ ޅެންވެރިންގެ ބަހާރު ބާއްވައިފި


ތިރީސް ވަނަ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް "ޅެންވެރިންގެ ބާހާރު" ގެ ނަމުގައި ޚާއްސަ ޙަފްލާއެއް ބާއްވައިފިއެއެވެ.

ދިވެހި ބަހުގެ އެކެޑަމީން ސަލްޓަން ޕާރކުގައި ބޭއްވި ޅެންވެރިންގެ ބަހާރުގައި ގިނަ ޢަދަދެއްގެ ޅެންވެރިންނާއި އަދަބިއްޔާތަށް ޚިދުމަތްކުރައްވަމުންގެންދަވާ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ. މި ހަފްލާގައިވަނީ ޅެންވެރިންނަށް ހުޅުވާލައިގެން ޅެންކިޔުމުގެ މުބާރާތެއްވެސް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ދިވެހިން ކުރީގައި ޅެންބަސް ބޭނުންކޮށްގެން ބަހުސްކޮށް އުޅުނު ގޮތަށް ޅެންބަހުސްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

މިޙަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ޑރ. ޝަމްސުލް ފަލާޙު ވިދާޅުވީ ޅެންވެރިކަމުގެ ސަބަބުން އާބަސްތައް އުފެދުމަށް މަގުފަހިވާކަމަށެވެ. ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމް ހާޞިލްކުރައްވާފައިވާ ޑރ. ޝަމްސުލް ފަލާޙް ވަނީ ޅެންވެރިކަމާ ޤާނޫނީ ކަންކަމާ އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޅެންބަހުރުވައިން ކޯޓުތަކުގައިކޮށްފައިވާ މުޢާމަލާތްތަކުގެ މައްޗަށް އޭނާވަނީ އަލިއަޅުއްވާލައްވާފައެވެ.

ޅެންވެރިންގެ ބަހާރުގައި މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަހަރުގެ ޅެންވެރީންގެ ދުވަސް ތަޚްޞީޞްކުރައްވާފައި ވަނީ މަޝްހޫރު ޅެންވެރިޔާ އަލްމަރުޙޫމު ޔޫސުފް މުޙައްމަދު ފުޅަށެވެ. ޅެންވެރިންގެ މަސައްކަތުގެ އަގުވަޒަންކޮށް އެފަރާތްތަކުގެ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޖެނުއަރީމަހުގެ 15 ވަނަދުވަސް ފާހަގަކުރަނީ ޅެންވެރިންގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ރ. އިނގުރައިދޫގައެވެ.