ޚަބަރު

ބުރިޖު ހައިވޭގައި އެކްސިޑެންޓެއް ހިނގައި ރޯޑް ޑިވައިޑަރތައް ކުދި ކުދި ވެއްޖެ


ސިނަމާލެ ބްރިޖް ހައިވޭގައި ރޭ ހިނގި އެކްސިޑެންޓްގައި މަގު ދެބައިކުރުމަށް ޖަހާފައިހުރި ޕާޓިޝަންގެ ބޮޑުބައެއް ހަލާކުވެއްޖެއެވެ.

ރޭ ހިނގި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ ފަތިހު 4:17 އެހާ ކަންހާއިރު ހައިވޭގެ ދެ ލޭން ވަކިކުރަން ޖަހާފައިހުރި ޕާރޓިޝަންގައި ޕިކަޕެއް ޖެހިގެންކަމަށެވެ. އަދި މި އެކްސިޑެންޓްގައި ރޯޑް ޑިވައިޑަރގެ ގައިގަނޑަކަށް 40 ފޫޓް ހަލާކުވެފައިވާކަމަށް ފުލުހުން ބުނެއެވެ. އެކްސިޑެންޓްގެ ފޮޓޯތައް ފުލުހުން އާންމުކޮށްފައިވާއިރު މި ފޮޓޯތަކުން ފެންނަގޮތުގައި ހައިވޭގެ ލޭން ވަކިކުރާ ޕާޓިޝަންތަކުން ބޮޑު ބައެއް ވަނީ ކުދިކުދިވެގެން ހައިވޭމައްޗަށް ބުރައިގެން ގޮސްފައެވެ. އަދި އެކްސިޑެންޓްވި ޕިކަޕަށްވެސް ގެއްލުންތަކެއް ވެފައިވެއެވެ. ހައިވޭގެ ހުޅުމާލެއާވީކޮޅު ހައިވޭގެ 2 ލޭން ވަކިކުރުމަށް ޖަހާފައި ހުންނަނީ ޕްލާސްޓިކް ޕާރޓިޝަންތަކެކެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުޤީގުކުރަމުންނެވެ. ސިނަމާލެ ބުރިޖާއި ހައިވޭ އެއްގަމު ދަތުރުފަތުރަށް ހުޅުވާލިފަހުން ބުރިޖާއި ހައިވޭ މަތީގައި ގިނަ އަދަދެއްގެ އެކްސިޑެންޓްތައް ހިގާފައިވެއެވެ.