ވިޔަފާރި

އޮމާން އެއަރއިން ރާއްޖެއަށް ކުރާ ދަތުރުތައް އޭޕްރީލްމަހުގެ ނިޔަލަށް ކުރިއަށް ގެންދަނީ


އޮމާން އެއަރއިން ރާއްޖެއަށް ކުރަން ފެށި ދަތުރުތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާތީ އަންނަ އޭޕްރީލްމަހުގެ ނިޔަލަށް ރާއްޖެއަށް ދަތުރުތައް ކުރިއަށް ގެންދިޔުމަށް އެއަރލައިނުން ނިންމައިފިއެވެ.

ފިނި މޫސުމާއި ދިމާކޮށް އޮމާން އެއަރއިން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ މިދިޔަ އޮކްޓޯބަރމަހުގެ މަހުގެ 28ވަނަ ދުވަހުއެވެ. އޮމާން އެއަރއިން ރާއްޖެއަށް ކުރާ ދަތުރުތަކަކީ އޮމާންގެ ވެރިރަށް މަސްކަޓުން ރާއްޖެއަށް ކުރާ ސީދާ ދަތުރުތަކެކެވެ.

އޮމާން އެއަރއިން ބުނީ އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް ބޮޑު މަޤްބޫލްކަމެއް އެބައޮތްކަމަށާއި، އޮމާން އެއަރ މެދުވެރިކޮށް ރާއްޖެއަށް އަންނަނީ ގިނައިން އިނގިރޭސިވިލާތުގެ ފަތުރުވެރިންކަމަށެވެ.

އޮމާން އެއަރއިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފަށާފައިވަނީ 2009 ވަނަ އަހަރުއެވެ. ނަމަވެސް އެކަށީގެންވާ ޑިމާންޑެއް ނެތްކަމަށް ބުނެ 2016 ވަނަ އަހަރު އޮމާން އެއަރއިން ރާއްޖެއަށް ކުރި ދަތުރުތައް ވަނީ ހުއްޓާލާފައެވެ.
މެދުކެނޑުމަކަށްފަހު އަލުން ދަތުރުތައް ފަށާފައިވާއިރު، ރައްޖެއާއި މަސްކަޓާ ދެމެދު ދަތުރުކުރަން ބޭނުންކުރަނީ ސަތޭކަ ފަސްދޮޅަސް ދެ ފަސިންޖަރުންގެ ޖާގައިގެ ބޮއިންގ މަރުކާގެ މަތިންދާބޯޓެކެވެ.

އޮމާން އެއަރގެ ޝެޑިއުލް ދަތުރުތައް އޮމާންގެ މަސްކަޓްއާއި ރައްޖެއާއި ދެމެދު، ހަފްތާއަކު 4 ދުވަހު ކުރެއެވެ.