ވިޔަފާރި

މިއަހަރުގެ ނައިޓްމާކެޓް އަންނަ މެއި މަހު ބާއްވަނީ


މިއަހަރުގެ ނައިޓްމާކެޓް ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ މެއި މަހުގެ ފަންސަވީހުން ފެށިގެން ފަނަރަ ދުވަހަށްކަމަށް ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމިއްޔާއިން ހާމަކޮށްފިއެވެ.އެޖަމިއްޔާއިން ބުނީ، މިއަހަރުގެ ނައިޓް މާކެޓް ފަނަރަ ދުވަހަށް ބާއްވަން ނިންމީ ނައިޓް މާކެޓްގައި ބައިވެރިވާ ފަރާތްތަކުގެވެސް އެދުމުގެ މަތިންކަމަށެވެ. އަދި އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މި ދެވުނު މުއްދަތުގެ ތެރޭގައި މޫސުން ގޯސްވެ ރެއެއް ކެންސަލްކުރަން ޖެހިއްޖެނަމަ އެރެއެއް އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށްވެސް އެޖަމިއްޔާއިން މައުލޫމާތުދެއެވެ.މިއަހަރުގެ ނައިޓް މާކެޓްގައި ޖުމްލަ ފައްސަތޭކަ މޭޒު ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، މި ހުރިހާ މޭޒެއްވެސް މިހާރުވަނީ ވިޔަފާރިތަކަށް ދޫކުރެވިފައެވެ. އަދި މޭޒްތަކުގެ ތަރުތީބްވެސް އެފަރާތްތަކަށް މިހާރު އަންގާފައިވާކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާއިން މައުލޫމާތުދެއެވެ.މިއަހަރު ވިޔަފާރިވެރިންގެ ބޮޑު ތަރުހީބެއް ނައިޓް މާކެޓަށްް ލިބުނު އެއްމެ ބޮޑު ސަބަބަކީ ނައިޓްމާކެޓްގެ ކޮންމެ މޭޒެއްވެސް މިއަހަރު ވިއްކާފައިވަނީ، 3900 ރުފިޔާއަށް ކަމަށްވާތީކަމުގައި އެޖަމިއްޔާއިން ވަނީ ބުނެފައެވެ.ނައިޓް މާކެޓެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ، ފިހާރަތަކުގައި ނުވިކި ހުންނަ މުދާ ހުސްކޮށްލުމުގެ ފުރުސަތު ވިޔަފާރިތަކަށް ދިނުންކަމުގައި އެޖަމިއްޔާއިން މައުލޫމާތުދެއެވެ.