ޚަބަރު

ފައިނުގެ، ބަނދަރު ހެދުމަށް ބޭނުންވާ މެޝިނަރީ އެރަށަށް ގެންގޮސްފި


މީގެ ހަތަރު އަހަރުކުރިން ހަދަން ފަށާ ބަޖެޓް ހަމަނުޖެހިގެން މެދުކެނޑުނު މާޅޮސްމަޑުލު އުތުރުބުރީ ފައިނުގެ، ބަނދަރު ހެދުމަށް ބޭނުންވާ މެޝިނަރީ އެރަށަށް ގެންގޮސްފިއެވެ.ބަޖެޓް ހަމަނުޖެހިގެން ފައިނު ބަދަރުގެ މަސައްކަތް މެދުކަނޑާލީ، ފަޅު ފުންކުރުމުގެ މަސައްކަތާއި އެއްގަމު ތޮއްޓަށް ބޭނުންވާ ބައެއް ޝީޓްޕައިލްފަދަ ތަކެތިވެސް ހަދަން ފެށުމަށްފަހުގައެވެ.އެހެންނަމަވެސް ފާއިތުވި ހަތަރުވަރަކަށް އަހަރު އެއްވެސް މަސައްކަތެއް ކުރެވިފައިނުވާތީ ބަނދަރުން ކޮނުނު ތަނަށް ފަސް އެޅި ތިލަވެފައިވާއިރު ކުރަންފެށި ކޮންކްރިޓް މަސައްކަތައްވެސް ބޭނުންނުކުރެވޭވަރު ވެފައިވާކަން ފައިނު ކައުންސިލުން މައުލޫމާތުދެއެވެ.ރ.އަތޮޅުގައި މީހުންދިރި އުޅޭ ފަނަރަ ރަށުގެ ތެރެއިން ލަފާފާފުރުމަށް ބަނދަރެއް މިހާތަނަށް ހެދިފައިނުވާ ފައިނު ބަނދަރު ހެދުން މިދިޔަ އަހަރުތެރޭ ހަވާލުކޮށްފައިވަނީ އެމް ޓީ ސީ ސީއާއެވެ.މިފަހަރު އެރަށުގައި ހެދުމަށް ހަމަޖެހިފައިވަނީ ތިންސަތޭކަ ފޫޓްގެ ބަނދަރެއްކަމަށާއި، އެހެންނަމަވެސް އަދި ބަނދަރުގެ މަސައްކަތް ނުފަށާކަމަށް ފައިނު ކައުންސިލުން ހާމަކުރެއެވެ.ކުރިން ބަނދަރު ހެދުމަށް ކުރި މަސައްކަތްތަކަށްފަހު ފައިނުގެ ބޮޑުބައެއް ގިރާލާފައިވުމާވެސް އެކު އަލުން މަސައްކަތް ފެށުމުގެ ކުރިން އިތުރު ސާރވޭއެއްވެސް ކުރުމަށް ހަމަޖެހިފައިވާކަން ފައިނު ކައުންސިލުން ފާހަގަކުރެއެވެ.އެންމެ ފަހުގެ ބޯހިމެނުމުން، ފައިނުގައި ތިންސަތޭކަ ބާވީސް މީހުން ދިރިއުޅޭކަމަށް ދައްކާއިރު، ފަންސާސް ހެކްޓަރަށްވުރެ ބޮޑު ބިމެއް އެރަށުގައި އޮވެއެވެ.