ޚަބަރު

މިއަހަރު ރާއްޖޭގެ 13 ސްކޫލެއްގައި ދަސްވާރު ޕްރޮގްރާމް ހިންގަނީ


މާލޭގެ އެގާރަ ސްކޫލަކާއެކު އަތޮޅުތަކުގެ ދެ ސްކޫލެއްގައި މި އަހަރުވެސް ދަސްވާރު ޕްރޮގްރާމް ކުރިއަށްދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.އަތޮޅުތަކުން މި ޕްރޮގްރާމް ފަށާފައިވަނީ ހދ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލާއި، މާފުށީ ސްކޫލްގައި ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.މާލޭގެ އެގާރަ ސްކޫލުން ސަތޭކަ ފަސްދޮޅަސް ހަ ދަރިވަރަކު ބައިވެރިވެފައިވާއިރު މާލޭގައި މި ޕްރޮގްރާމް އަންނަ އަންގާރަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުން ތިރީސް ފަސް ދަރިވަރުން އަދި މާފުށީ ސްކޫލުން ވިހި  ދަރިވަރުން މި ޕްރޮގްރާމްގައި ވަނީ ބައިވެރިވެފައެވެ.މި ޕްރޮގްރާމާއި ބެހޭގޮތުން ޓިވެޓް އޮތޯރިޓީ އަދި އުފާ އޮފީހުގެ ފަރާތުން ސްކޫލްތަކަށް ގޮސް މިޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށާއި ބެލެނިވެރިންނަށް މަޢުލޫމާތު ދީފައިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.ދަސްވާރު ޕްރޮގްރާމަކީ، ގްރޭޑް ދިހައެއްގައި ތައުލީމު ހާސިލްކުރާ ދަރިވަރުންގެ ތެރެއިން ރަގަޅު ނަތީޖާއަކާ ހަމައަށް ނުދެވޭ ދަރިވަރުންނަށް އަމާޒުކޮށް، އެކުދިން ކުރިއަށްދާން ބޭނުންވާ ދާއިރާއެއްގައި މަސައްކަތްކޮށް އަމަލީ ތަޖުރިބާ ހޯދޭގޮތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިދިޔަ އަހަރު ފެށި މި ޕްރޮގްރާމްގެ ކާމިޔާބީއާއެކު އެޑިއުކޭޝަން މިނިސްޓްރީން ވަނީ އުފާ އޮފީސް ގެ ނަމުގައި އޮފީހެއް އުފައްދާ،  މި ޕްރޮގްރާމް އިތުރަށް ފުޅާކުރުމަށް ނިންމާފައެވެ.