އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ފަސް މެޑައްޔަށް އަމާޒުކޮށް އެކުލަވާލާ އެތްލެޓީކްސް ޓީމް ތަމްރީންތަކަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އެތްލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަޤިމް ވިދާޅުވެއްޖެއެވެ.
2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި އެތްލެޓިކްސް ޓީމުން ވަނީ ތިން މެޑަލް ހާސިލު ކޮށްފައެވެ. އޭގެ ތެރޭގައި ހާއްސަކޮށް ދުވުންތެރިޔާ ސާއިދު ހޯދި ރަން މެޑަލް ފާހަގަކޮށްލެވެއެވެ.
ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތުދެމުން މުންތަޤިމް ވިދާޅުވީ މިއަހަރުގެ އައިއޯޖީގައި އެތްލެޓިކްސްގެ އަމާޒަކީ ފަސް މެޑަލް ހޯދުން ކަމަށާއި އަމާޒަށް ވާސިލުވުމަށް ވާންޖެހޭ ތައްޔާރީތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން އެތްލީޓުންގެ ރެކޯޑްތައް އަޅާކިޔައި ކޯޗުންގެ މަޝްވަރާއާއެކު ސީދާ މެޑައްޔަށް އެތްލީޓުން ތައްޔާރުކުރަމުން ދާ ކަމަށް މުންތަޤިމް ވިދާޅުވިއެވެ. އަދި މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތަކަށް ރާއްޖެއިން ބޭރަށް އެތްލެޓިކްސް ޓީމް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އެންމެ ލަސްވެގެން ފެބްރުއަރީ މެދުތެރޭގައި ޓީމް ފުރުވާލެވޭނެ ކަމަށްވެސް މުންތަޤިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މިފަހަރުގެ އަމާޒަކީ ފަސް މެޑަލް ހޯދުން، ދެން އެކަމަށް ވާންޖެހޭ ތައްޔާރީތައް މިދަނީ ވަމުން. އޭގެ ތެރޭގަ މިހާރުގެ އެތްލީޓުންގެ ޕާފޯމަންސާއި މުބާރާތުގެ ކުރީގެ ރެކޯޑްސްއާއި އަޅަކިޔައި އަދި ކޯޗުންނާ މަޝްވަރާކޮށް ކޮންގޮތަކަށް ބަށްޓަން ކޮށްގެންތޯ ހާސިލް ކުރަން ބޭނުންވާ ޓާގެޓަށް ވާސިލް ވެވޭނީ، ދެން އިރާދު ކުރެއްވިއްޔާ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އައިއޯއައިޖީއަށް އެކުލަވާލާ ޓީމްގެ ޓްރެއިނިންގ ރާއްޖެއިން ބޭރުގައި ފެށޭތޯ" އެތްލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަަލް ސެކްރެޓަރީ ވިދާޅުވިއެވެ.
މިއަހަރު ޖުލައި މަހު މޮރިޝަސްގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި، ހުރިހާ ކުޅިވަރެއް އެކީގައި، ރާއްޖޭގެ އަމާޒެއް ކަމަށް އޮލިމްޕިކް ކޮމިޓީއިން ކަނޑައަޅާފައިވަނީ 15 މެޑައްޔެވެ. .