ޚަބަރު

ލަޠީފުގެ އިސްލާހު ނަގަން އަންގައިފި


ރައީސްކަން ކޮށްފައިވާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރެވޭނެ ގޮތަށް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިޜާގެ މެމްބަރު ޢަބްދުއްލަތީފް މުޙައްމަދު ހުށަހެޅުއްވި އިސްލާހު ނަގަން އޭނާ ނިސްބަތްވާ ޖުމްހޫރީ ޕާޓީން އަންގައިފިއެވެ.

އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ޢަބްދުﷲ ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ލަޠީފު ހުށަހެޅުއްވި އިސްލާޙުގެ ބިލް އަނބުރައި ގެންގެވުމަށް ޖުމްހޫރީ ޕާޓީންވާނީ އޭނާއަށް އަންގަވާފައިކަމަށެވެ. ސަބަބަކީ ލަޠީފުގެ އިސްލާހަކީ ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގައި މަޝްވަރާއެއް ކުރުމެއް ނެތި ހުށަހެޅި އިސްލާޙަކަށް ވާތީކަމަށާ، މީގެ އިތުރުން އެ އިސްލާހުގެ ސަބަބުން ޖުމްހޫރީ ޕާޓީވެސް ހިމެނޭ ސަރުކާރު ކޯލިޝަނުގެ އެއް ލީޑަރު ރައީސް މުހައްމަދު ނަޝީދުގެ އަސާސީ ހައްޤެއް ގެއްލުމަކީވެސް ބިލް އަނބުރައި ނަގަން ލަޠީފަށް އެންގެވި ސަބަބެއްކަމަށް ރިޔާޒުގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މެންބަރު އަބްދުއްލަތީފް ވިދާޅުވެފައިވަނީ އެ އިސްލާޙް މަޖިލީހަށް ހުށައެޅުމަށް ނިންމީ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަކީ ޤައުމުގައި ވަރަށް ބޮޑު އިއްޒަތަކާއި ޤަދަރެއް ދެވިފައިވާ ބޭފުޅުންނަށް ވެފައި ދައުލަތުގެ އެންމެ އިސްމަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅުން އެއަށްވުރެ ދަށް މަޤާމެއް ފުރުއްވުމަކީ ޤަބޫލުކުރެވޭ އަދި ބަލައިގަނެވޭނެކަމަކަށް ނުވާތީކަމަށެވެ.

ލަތީފް ވިދާޅުވީ ރައީސްކަން ކުރައްވާ ބޭފުޅުންނަށް ދައުލަތުގެ ބަޖެޓުން ޚާއްސަ އިނާޔަތްތަކާއި ރައްކާތެރިކަން ދެއްވާފައިވާކަމަށެވެ. މީގެ އިތުރުން އެބޭފުޅުންނަށް ދައުލަތުގެ އެންމެ ބޮޑެތި ސިއްރުތަކާއި، ޤައުމުގެ ކަންކަމާއި ގުޅޭ މުހިއްމު ނިންމުންތަކެއް ނިންމާފައިވާއިރު، މަޖިލިސް މެންބަރުކަމަށް ކުރިމަތިލަނީ ކޮން މަޤްސަދެއްގައިތޯ ސުވާލުއުފެދޭކަމަށްވެސް އަބްދުއްލަތީފް ވިދާޅުވިއެވެ.

އަންނަ އޭޕްރިލްމަހު ބާއްވާ އިންތިހާބުގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގެންދަވަނީ އެމްޑީޕީގެ ޕްރައިމެރީއަށް ކެމްޕެއިން ކުރައްވަމުންނެވެ.