ޚަބަރު

މިނިސްޓްރީތަކުގެ މެންޑޭޓަށް ބަދަލު ގެނެސްފައިވާއިރު ކުރަންޖެހޭ މަސައްކަތްތައް ސާފެއްނުވޭ


މިސަރުކާރުގެ މިނިސްޓްރީތަކުގެ މެންޑޭޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު މިނިސްޓްރީތަކުގެ ދަށުގައި ހިމެނޭ މަސައްކަތްތައް ސާފުނުވާ ހިސާބަށް ގޮސްފައިވާކަމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުޤައްރިރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

ރިޔާޒް ރަޝީދު މިހެން ވިދާޅުވީ، ސަރުކާރުގެ މިނިސްޓްރީތަކުގެ މެންޑޭޓަށް އައިސްފައިވާ ބަދަލުތަކާއި ގުޅިގެން ކޮމިޓީއަށް ހުށައަޅާފައިވާ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ސުންގަޑި ކަނޑައެޅުމަށް ބޭއްވި ކޮމިޓި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ރިޔާޒު ރަޝީދު ވިދާޅުވީ، ޤާނޫނު އަސާސީގައި ބަންޑާރ ނާއިބު ކުރަންވާ ކަންކަން ބަޔާންކޮށްފައިވާއިރު ބަންޑާރަ ނާއިބުގެ އޮފީހުގެ ކަންކަމާއި ބައެއް މިނިސްޓްރީތަކުން ކުރާނެ ކަންކަން މިހާރު ނޭނގޭ ހިސާބަށް ކަންކަން ގޮސްފައިވާކަމަށެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބައެއް މެންބަރުން ވަނީ ރާއްޖޭގެ ތަރައްޤީއާ ގުޅޭ ބޮޑެތި މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިން ހައުސިންގ މިނިސްޓްރީން ކުރަމުން އައިނަމަވެސް މިހާރު އެ ހުރިހާ މަސައްކަތެއް ޕްލޭނިންގ މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވާފައިވާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކެލާ ދާއިރާގެ މެންބަރަރު ޢަލީ ޢާރިފް ވިދާޅުވީ، ރާއްޖޭގެ ތަރައްޤީއާގުޅޭ ބޮޑެތި މަޝްރޫޢުތަކާއި، ޢިމާރާތްކުރުމާގުޅޭ ހުރިހާ ކަމެއް ޕްލޭނިންގ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާކަމަށެވެ. އަދި ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަކީ އެންވަޔަރަމަންޓް މިނިސްޓްރީން ކުރަންޖެހޭ ކަންކަން ކަމަށްވާއިރު، މިހާރު އެ މަޝްރޫޢުތައްވެސް ކުރިއަށް ގެންދަވަން ހިމަނުއްވާފައިވަނީ ޕްލޭނިންގ މިނިސްޓްރީގެ ތެރެއިންކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު އެންވަޔަރަމަންޓް މިނިސްޓްރީގެ މެންޑޭޓަކީ އެ މަޝްރޫޢުތައް މެނޭޖުކުރުރުން އެކަނިކަމަށްވެސް ޢަލީ ޢާރިފް ވިދާޅުވިއެވެ. ނަމަވެސް މެންބަރުން ވަނީ ސަރުކާރުން ފޮނުވާފައިވާގޮތަށް ކޮމިޓީން އެ މަސައްކަތްތައް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ތާޢީދުކުރައްވާފައެވެ.

ސަރުކާރުގެ މިނިސްޓްރީތަކުގެ މެންޑޭޓަށް އައިސްފައިވާ ބަދަލުތައް މަޖިލިސް ހުޅުވުމާކު ބާއްވާ ފުރަތަމަ ޖަލްސާގައި އެޖްނޑާކުރުމަށް، ފޮނުވުމަށް ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުން ވަނީ ނިންމާފައެވެ.