ޚަބަރު

ބްރެކްސިޓް ވޯޓު މިއަދު، މޭ އިލްތިމާސްކުރައްވަނީ ފުރުޞަތެއް ދެއްވުމަށް


އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަށް ދެ ފަރާތުން ޤާއިމުކޮށްފައިވާ އެއްބަސްވުން އަދި ރަނގަޅަށް ދިރާސާކުރުމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ތެރީސާ މޭ، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ގޮވާލައްވައިފިއެވެ.

މި އެއްބަސްވުމުގެ ވޯޓު މިއަދު ނަގާނެކަމަށް ބެލެވެއެވެ. އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގައި ހޯމަ ދުވަހު ވާހަކަދައްކަވަމުން އެ ޤައުމުގެ ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވީ، މި އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހު އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިކުރުމަށް ވިލާތުގެ އިއްތިހާދާއި އިނގިރޭސިވިލާތުން އެކުލަވާލާފައިވާ އެއްބަސްވުމަށް ފުރުޞަތެއް ދިނުމަށް ޤާނޫނުހަދާ މަޖިލީހުގެ މެމްބަރުންނަށް ގޮވާލައްވާ ކަމަށެވެ.

މިކަމުގައި މިހާތަނަށް ކޮންމެ ގޮތަކަށް ނިންމަވާފައިވާ ނަމަވެސް ކުރިއަށް އޮތް ސައުވީސް ގަޑއިރުގެ ތެރޭގައި މި އެއްބަސްވުމަށް ދެވަނަ ފަހަރަށް ބެއްލެވުމަށް ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ގޮވާލައްވާކަމަށް މޭ ވިދާޅުވިއެވެ. އެ ކަމަނާ ވިދާޅުވީ، މި އެއްބަސްވުމަކީ އެންމެ އެކަށިގެންވާ އަދި އެންމެ ރަނގަޅު އެއްބަސްވުމަށް ނުވާކަމުގައިވާނަމަވެސް މި އެއްބަސްވުމަކީ އިނގިރޭސިވިލާތަށް ލިބިގެންދިޔަ ކާމިޔާބީއެއް ކަމަށެވެ. އަދި މި އެއްބަސްވުމަށް ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވޯޓު ދޭ ގޮތް، ތާރީޚުގެ ފަތްފުށްތަކުގައި ލިޔެވިގެންދާނެކަމަށް ވެސް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ މީޑިއާއިން އަންގާރަ ދުވަހު ބުނެފައިވަނީ، މިކަމުގައި ވިލާތުގެ އިއްތިހާދާއި އިނގިރޭސިވިލާތުން ޤާއިމުކޮށްފައިވާ އެއްބަސްވުމާ ބެހޭގޮތުން ޤާނޫނު ހަދާ މަޖިލީހުގައި ނެގުމަށް ނިންމާފައިވާ ވޯޓައިގެން މޭ ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.