ވިޔަފާރި

އަންހެނުންނަށް ހާއްސަ ވިޔަފާރި ޖަމިއްޔާއެއް އުފައްދަނީ


'ނެޝަނަލް ވިމެންސް ޗެމްބަރ އޮފް ކޮމާރސް މޯލްޑިވްސް' ގެ ނަމުގައި އަންހެނުންގެ ވިޔަފާރިވެރިންގެ ޖަމިއްޔާއެއް އުފެއްދުމަށް ސަރުކާރުން ނިންމައިފިއެވެ.

އަންހެނުންނަށް ހާއްސަކޮށް ވިޔަފާރި ޖަމިއްޔާއެއް އުފައްދަން ނިންމާފައިވަނީ، ވިޔަފާރީގެ ދާއިރާގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ އަންހެނުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި އިދާރާތަކާއި ގުޅިގެން މަސައްކަތްކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަށްކަމަށް ސަރުކާރުން ބުނެއެވެ. މިއީ އިކޮނޮމިކް މިނިސްޓްރީން ސަރުކާރާއި ގުޅިގެން އުފައްދާ ޖަމިއްޔާއެކެވެ.
ނެޝަނަލް ވިމެންސް ޗެމްބަރ އޮފް ކޮމާރސް މޯލްޑިވްސްގެ ނަމުގައި އަންހެނުންގެ ވިޔަފާރިވެރި ޖަމިއްޔާއެއް އުފެއްދުމަށް ސަރުކާރުން ނިންމާފައިވާއިރު މި ޖަމުއިއްޔާގައި އިސްކޮށް ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

އެގޮތުން މި ޖަމިއްޔާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިހިނގާ ޖެނުއަރީމަހުގެ 20 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީގެ އީމެއިލް އެޑްރެހަށް ނަމާއި އެޑްރެހާއި ވަނަވަރު އަދި އައިޑީކާޑް ކޮޕީގެ އިތުރުން ވިމެންސް ޗެމްބަރގެ ދަށުން އެހެން ޖަމިއްޔާގައި ތަމްސީލުކުރަން ބޭނުންވާނަމަ ޖަމިއްޔާގެ ނަމާއިއެކު ފޮނުވުމަށް އިކޮނޮމިކް މިނިސްޓްރީން އެދެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި ޖަމިއްޔާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން މިނިސްޓްރީން ފޯރުކޮށްދޭނެކަމަށެވެ.

މިނިސްޓްރީން ބުނީ ވިމެންސް ޗެމްބަރގެ ދަށުން ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ވިޔަފާރީގެ މައިދާނުގައި މަސައްކަތްކުރާ ފަރާތްތަކާއި އެކި ޖަމިއްޔާ ޖަމާއަތްތައް ހިމެނިގެންދާނެކަމަށެވެ. އަދި މިފަދަ ޖަމިއްޔާއެއް އުފެދިގެން ދިއުމަކީ ހުރިހާ ވިޔަފާރިވެރިންގެ އަޑު އެކި މައިދާންތަކުގައި އުފުލުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތައް ކުރަމުންދާއިރު މީގެ ކުރިން ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންހެން ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި އެކަންކަން ހައްލުކުރުމަށް ކުރެވޭނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ ވިޔަފާރިތަކަށް ދިމާވެފައިވާ އެކި ގޮންޖެހުންތައް ހައްލުކޮށް ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.