ޚަބަރު

ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ރައީސް ޞާލިޙްއާ އަބޫދާބީގެ ވަލީ އަޙްދު މަޝްވަރާކުރައްވައިފި


ދިވެހިރާއްޖެއާ ޔޫއޭއީއާ ދެޤައުމުގެ މެދުގައި އުފެދިފައިވާ ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް އާއި އަބޫދާބީގެ ވަލީ އަޙުދު އަދި ޔޫ.އޭ.އީގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އޮފް އާމްޑް ފޯސަސް، މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންއާ މަޝްވަރާކުރައްވައިފިއެވެ.

އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް 2019 ގެ ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ބޭއްވި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން ކުރިއަށް އޮތްތަނުގައި ދެޤައުމު ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްއާ މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން ވަނީ މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން މިބައްދަލުކުރެެއްވުމުގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއަށް ދެއްވަމުންގެދަވާ އެހީތެރިކަން ކުރިއަށްއޮތްތަނުގައިވެސް ރާއްޖެއަށް ދެއްވާނެކަމުގެ ޔަޤީންކަންވަނީ ދެއްވާފައެވެ.

ވަލީ އަޙުދު މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް ކުރަށްވަމުންގެންދަވާ ދަތުރުފުޅެކެވެ.