ޕީޕީއެމްގެ ސެކްޓަރީ ޖެނެރަލްގެ މަޤާމަށް ރައީސް ޔާމީން ސަރުކާރުގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ޢަބްދުލް މަތީން ހަމަޖައްސައިފިއެވެ.
ކުރީގެ ރައީސް ޔާމީން އާ ޕާޓީއެއް އުފެއްދުމަށް ހަރަކާތްތައް ހުއްޓާލާފައި އޮތް ޕީޕީއެމްގެ އެސްޖީ މަޤާމަށް މަތީން ހަމަޖެއްސެވިއިރު އޭނާ ވަނީ ޔާމީން އަލަށް އުފައްދަވާ އާ ޕާޓިއަށް މިދިޔަ ހަފްތާގައި ސޮއިކޮށްފައެވެ. މަތީން ޕީޕީއެމްގެ އެސްޖީކަމަށް އައްޔަންކުރީ އަލުން މިރޭ ޕީޕީއެމްއަށް ސޮއިކޮށް ފޯމު ހުށައެޅިތާ މާގިނައިރުތަކެއް ނުވަނީސްއެވެ.
މަތީން ޕީޕީއެމަށް އަލުން ސޮއިކޮށްފައިވަނީ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް މިރޭ ގޮވާލާފައިވަނިކޮށެވެ. ޕީޕީއެމްގެ އިސްސަފުގައި ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެގޮތުގައި ތިއްބެވި ގިނަ ބޭފުޅުން ޕީޕީއެމް ދޫކޮށް ޕީއެންސީ އަށް ސޮއިކުރުމުން ޕީޕީއެމްގެ ކައުންސިލްގެ ކޯރަމް ހަމަވާނެކަމާއި މެދުވެސް ވަނީ ސުވާލު އުފެދުފައެވެ.
ޕީޕީއެމްގެ އެސްޖީގެ މަޤާމުގައި ކުރިން ހުންނެވި މުހައްމަދު ހުސެއިން ޝަރީފު އެ މަޤާމުން އިސްތިއުފާދެއްވާ ވަނީ ޕީއެންސީއާއި ގުޅިވަޑައިގެންފައެވެ. ޕީޕީއެމްގެ އެސްޖީކަމަށް މަތީން ހަމަޖައްސާފައިމިވަނީ ޕީޕީއެމުން މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމަށް ހުސެއިން ޝަރީފް ގޮވާލުމުން އެކަން އޭނާއަށް ނުކުރެވޭނެކަމަށާއި ޕީޕީއެމްގެ ކައުންސިލްގައި ހިމެނޭ ގިނަ މެމްބަރުން ޕީއެންސީއަށް ސޮއިކޮށްފައިވާތީ އެ މެންބަރުންނަށް ޕީޕީއެމް ކައުންސިލްގައި ބައިވެރިނުވެވޭނެ ކަމަށް ރައީސް ޔާމީން ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރު ވިދާޅުވެފައިވަނިކޮށެވެ.
މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނިންމީ އާ ސެކްރެޓަރީ ޖެނެރަލަކު އައްޔަންކުރުމާއި ކޯޓުގައި ހިނގަމުންދާ މައްސަލަތަކުގައި ޕީޕީއެމް ތަމްސީލްކުރާނެ ވަކީލުންގެ ޓީމެއް އެކުލަވާލުންކަމަށް ޕީޕީއެމުން ބުނެއެވެ.