ޚަބަރު

ގަލްފުގެ މައްސަލައަށް ހައްލެއް ނުހޯދި މާ ބޮޑަށް ދިގުލައިގެން ހިނގައްޖެ: ޕޮމްޕެއޯ


ގަލްފްގެ ޤައުމުތަކުގެ މެދުގައި އުފެދިފައިވާ ދެބަސްވުންތަކަށް ހައްލެއް ނުހޯދި މާ ބޮޑަށް ދިގުލައިގެން ހިނގައްޖެކަމަށާއި މިކަމުގެ ސަބަބުން އީރާނާ ދެކޮޅަށް ފިޔަވަޅުތައް އެޅުމުގައި ގަލްފްގެ ޤައުމުތަކުގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަން ގެއްލިފައިވާކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ.

ޓެރަރިސްޓް ޖަމާޢަތްތަކަށް އެހީތެރިވެ އީރާނަށް އެއްބާރުލަމުންދޭކަމެއް ބުނެ ގަލްފްގެ ބާރުތައް ކަމަށްވާ ސައުދީ ޢަރަބިއްޔާ، ޔޫ.އޭ.އީ އަދި ބަހްރައިނުން ވަނީ 2017 ވަނަ އަހަރުގެ ޖޫން މަހު، އަވަށްޓެރި ޤަތަރާ އެކު އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުން ކަނޑާލާފައެވެ.

މި ޤައުމުތަކާ ބައިވެރިވެގެން މިސްރުންވެސް އޭރު ޤަތަރާ ގުޅުން ކަނޑާލިއެވެ. އެހެންނަމަވެސް އެ ޤައުމުތަކުން ކުރާ ތުހުމަތުތައް ޤަތަރުން ދޮގުކުރެއެވެ.

މެދު އިރުމަތީގެ ޤައުމުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ޤަތަރުގެ ވެރިރަށް ދޯހާގައި ހުންނަވާ ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕޮމްޕެއޯ ވިދާޅުވީ، އެއް ކަންތައްތަކެއް ހާޞިލުކުރުމަށް މަސައްކަތްކުރާ ޤައުމުތަކެއްގެ މެދުގައި މިފަދަ ޚިޔާލުތަފާތުވުންތަކެއް ހުރުމަކީ ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި މި ޚިޔާލުތަފާތުވުންތަކުގެ ސަބަބުން މައްސަލަތަކުގައި އަވަސް އަދި ދާއިމީ ހައްލެއް ހޯދުމަށް އުނދަގޫވެގެންދާނެ ކަމަށްވެސް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ޕޮމްޕެއޯ ވިދާޅުވީ، އެމެރިކާއިން އުއްމީދުކުރަނީ ކުރިއަށް އޮތް ދުވަސްތަކާއި މަސްތަކުގެ ތެރޭގައި ގަލްފުގެ ޤައުމުތަކުގެ ގުޅުން ހަރުދަނާވެ، އެ ސަރަހައްދުގެ އެއްބައިވަންތަކަން އިތުރުވެގެންދިއުން ކަމަށެވެ. އެހެންނަމަވެސް މި މައްސަލަތައް، އަވަސް މުސްތަޤުބަލެއްގައި ހައްލުވާނެކަމެއް ނުވަތަ ނޫންކަމެއް އަދިވެސް ސާފުނުވާ ކަމަށާއި މިކަމާ އެމެރިކާއިން ހިތާމަ ކުރާ ކަމަށްވެސް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.