ޚަބަރު

އަމާޒަކީ އައު ތަންތަން ހެދުމުގެ ބަދަލުގައި ޚިދުމަތްތައް ހަރުދަނާކުރުން - ޔޫތް މިނިސްޓަރ


އަމާޒަކީ އައު ތަންތަން ހެދުމުގެ ބަދަލުގައި މިހާރުހުރި ތަންތަން މަރާމަތުކޮށް، ޚިދުމަތްތައް ހަރުދަނާކުރުންކަމަށް ޔޫތް މިނިސްޓަރ އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އަހްމަދު މަޚްލޫފް މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުންގެންދާ ދަތުރުފުޅުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި މިނިސްޓަރ ވިދާޅުވީ އުމްރާނީ ތަރައްޤީގެ ބޮޑެތި މަސައްކަތްތައް އަލަށް ފެށުމުގެ ބަދަލުގައި މިވަގުތު ވިސްނުންހުރީ ހަލާކުވެ ބޭނުން ނުކުރެވޭގޮތަށްހުރި ތަންތަން މަރާމާތުކޮށް، ރަނގަޅު ޚިދުމަތްތަކެއް އައްޑުސިޓީގެ ޒުވާނުންނަށް ފައިދާވާކަހަލަގޮތަކަށް ދޭން ފެށުންކަމަށެވެ. އެގޮތުން މިހާރު އައްޑޫސިޓީގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން ޒުވާނުން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ޒުވާނުންނަށްޓަކައި ގިނަ ކަންތައްތަކެއް ކުރިއަށްއޮތްތަނުގައި ރޭވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު އައްޑޫ ސިޓީއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ޔޫތް މިނިސްޓަރ މިއަދު ވަނީ އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރައްވައި އައްޑޫގައި ޒުވާނުންނަށް ހުރި ފުރުޞަތުތަކާއި، ކުޅިވަރު ހަރަކާތްތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ޔޫތް މިނިސްޓަރގެ މިދަތުރުފުޅުގައި މިއަދުވަނީ އައްޑޫ ސްޓެޑިއަމަށް ވަޑައިގެން އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ހުރިދަތިތައް އޮޅުންފިލުއްވާފައެވެ. އަދި އައްޑޫގެ އިތުރު ދަނޑުތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ހާލަތުވެސް މިނިސްޓަރ ވަނީ
ބައްލަވައިލައްވާފައެވެ. މީގެ އިތުރުން އައްޑޫ ރޯވިންގް އެސޯސިއޭޝަންގެ ތަމްރީނުތަކަށް ބޭނުންކުރަމުންގެންދާ އުޅަދުތަކެއްވެސް މިނިސްޓަރ ވަނީ ބައްލަވާލައްވާފައެވެ.

މިނިސްޓަރގެ މިދަތުރުފުޅުގައި މާދަމާ އައްޑޫސިޓީގެ ޒުވާނުންގެ މަރުކަޒުތަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.