ޚަބަރު

ޕީޕީއެމް ލީޑަރޝިޕް މައްސަލައިގެ ތެރެއަށް މައުމޫން ވަންނަނީ


ޕީޕީއެމްގެ ހިންގުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ހަވާލުކުރުމަށް ކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ ތެރެއަށް މައުމޫންގެ ފަރާތްޕުޅުން ތަދައްހުލްވުމަށް ނިންމައިފިއެވެ.

ޕީޕީއެމްގެ ހިންގުން އެޕާޓީގެ ކުރީގެ ރައީސް މައުމޫނާއި ހަވާލުކޮށްދިނުމަށް އެދި ކޯޓަށް ހުށައަޅާފައިވަނީ ޕީޕީއެމްގެ އާންމު މެމްބަރަކެވެ. އެ މައްސަލަ އެންމެ ފުރަތަމަ ހުށައެޅީ ސިވިލްކޯޓަށެވެ. އެހެންނަމަވެސް އެ މައްސަލައިގެ ފައިލްތައް ސުޕްރީމްކޯޓުން ގެންދިޔުމަށްފަހު އެ ކޯޓުން ވަނީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ބާއްވާފައެވެ.

މި މައްސަލައިގެ ތެރެއަށް ވަނުމަށް މައުމޫންގެ ފަރާތްޕުޅުން މާދަމާ ކޯޓަށް ހުށައެޅުމަށް ތައްޔާރުވަމުންދާކަމަށް ވަނީ އެނގިފައެވެ. މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައިވަނީ ދެ ފަރާތުގެ ދެމެދުގައި މައްސަލައާއި ގުޅޭ ލިޔެކިޔުންތައް ބަދަލުކޮށްފައެވެ.

ޕީޕީއެމްގެ ހިންގުން މައުމޫނާއި ހަވާލުކުރުމުގެ މައްސަލަ ސުޕްރީމްކޯޓުން ފަށާފައިވާއިރު ޕީޕީއެމްގެ މިހާރުގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ ޕީއެންސީގެ ނަމުގައި އާ ޕާޓިއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ. އަދި ޕީޕީއެމްގެ އިސްސަފުގައި ތިއްބެވި ޔާމީނާއި އެންމެ ގާތް ބޭފުޅުންވަނީ ޕީޕީއެމް ދޫކުރައްވާ ޕީއެންސީއާއި ގުޅިވަޑައިގެންފައެވެ.

ޕީޕީއެމްގެ ހިންގުން މައުމޫނާއި ހަވާލުކުރުމުގެ މައްސަލައިގެ އިތުރުން ޕީޕީއެމްގެ ރައީސަކަށް ޔާމީން އިންތިހާބު ކުރުމަށް މިދިޔަ ސެޕްޓެމްބަރ މަހު ބޭއްވި ކޮންގްރެސް ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލަވެސް އޮތީ ސުޕްރީމްކޯޓްގައެވެ. ކޮންގެރެސްގެ ނިންމުންތައް ބަލައިގަތުމަށް ހައިކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.