ޚަބަރު

ދިއްދޫ ޒުވާނުންގެ މަރުކަޒު ހިންގުން ކައުންސިލާ ހަވާލުކޮށްފި


ހއ. ދިއްދޫ ޒުވާނުންގެ މަރުކަޒުގެ ހިންގުން އަނބުރާ އެރަށުގެ ކައުންސިލްގެ ދަށަށް ބަދަލުކޮށްފިއެވެ.

2017 ވަނަ އަހަރުން ފެށިގެން ދިއްދޫ ޒުވާނުންގެ މަރުކަޒު ހިންގަމުންއައީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލުމުގެ ދަށުންނެވެ. އެމަރުކަޒު ދިއްދޫ ކައުންސިލްގެ ދަށަށް ބަދަލުކޮށްފައިވަނީ ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް މިދިޔަ ޑިސެމްބަރު މަހު ދިއްދޫއަށް ކުރެއްވި ޒިޔާރަތުގައި އެތަނުގެ ޙާލަތު ބައްލަވާލެއްވުމަށްފަހު ދިއްދޫ ކައުންސިލާ މަޝްވަރާކުރެއްވުމަށް ފަހުގައިކަމަށް ދިއްދޫ ކައުންސިލްގެ ރައީސް ޢަލީ ހާޝިމް ވިދާޅުވިއެވެ.

ފާއިތުވި ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި ދިއްދޫ ޒުވާނުންގެ މަރުކަޒުގެ ޙާލަތު ވަރަށްބޮޑަށްދަށްވެ ޒުވާނުންނަށް އެތަނުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ނުކުރެވޭކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި މިވަގުތު ޒުވާނުންގެ މަރުކަޒުގައި ކުރިއަށް ގެންދެވޭ ހަމައެކަނި ހަރަކާތަކީ އަންހެނުންގެ އެރޮބިކްސް ކުްލާހެއްކަމަށާއި، ކުޅިވަރު ސަމާނުތައް ބޭނުންނުކޮށް ބެހެއްޓުމުގެ ސަބަބުން ހަލާކުވެފައިވާކަމަށް ދިއްދޫ ކައުންސިލުން ބުނެއެވެ.

ދިއްދޫ ކައުންސިލުން ބުނީ ޒުވާނުންގެ މަރުކަޒުގެ ހިންގުން ކައުންސިލްގެ ދަށަށް ބަދަލުކުރެވުމާއެކު އެތަން މަރާމާތު ކުރުމުގެ މަސައްކަތާއި އެހެނިހެން ގޮތްގޮތުން އެތަނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް ކުރާނެކަމަށެވެ. ދިއްދޫ ޒުވާނުންގެ މަރުކަޒު ހިންގުމަށް 62 ހާސް ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވެއެވެ.

މިއަހަރުގެ ތެރޭގައި ދިއްދޫގެ ޒުވާނުންނަށް ޚާއްޞަ ކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާނެކަމަށް ދިއްދޫ ކައުންސިލުން ބުނެއެވެ. ކައުންސިލްތައް ބާރުވެރިކުރުވުމަށްޓަކައި، ކުރީގެ ސަރުކާރުން ކައުންސިލްތަކުން ނަގާފައިވާ ބާރުތައް ސަރުކާރުން ދަނީ ކައުންސިލްތަކާ އަލުން ހަވާލުކުރަމުންނެވެ.