ތަޢުލީމު

މުސާރައިގެ އާ އޮނިގަނޑާއެކު ދިމާވި މައްސަލަތައް ދިރާސާ ކުރަނީ


ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑުގެ ދަށުން މިދިޔަ މަހު މުސާރަ ދޭން ފަށާފައިވާއިރު، މުސާރައިގެ މައްސަލަތަކެއް ބައެއް ފަރާތްތަކަށް ދިމާވެފައިވާ ކަމަށާއި އެކަން ދިރާސާކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.އެމްބީސީ ނިއުސްއަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާރމަނަންޓް ސެކެޓްރީ ޑރ. އަބްދުލް މުޙުސިން ވިދާޅުވީ، މިދިޔަ މަހު ޓީޗަރުންގެ މުސާރަ ބޮޑުކޮށް ފައިވާއިރު، ބައެއް ޓީޗަރުންނަށް މުސާރައިގެ މައްސަލަތަކެއް ދިމާވެ އެކަން މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށާއި އެހެންނަމަވެސް އެއީ ނިސްބަތުން މަދު އަދަދެއް ކަމަށެވެ.ޑރ. މުޙުސިން ވިދާޅުވީ، މުސާރައިގެ މައްސަލަތައް ހުރި ޓީޗަރުންނަށް ލިބެންވާ ވަރަށް ޙިސާބުކުރުމުގައި މައްސަލަތަކެއް ދިމާވެގެން މުސާރަ މަދުން ލިބިފައި ހުރި ނަމަ އެފަދަ ފަރާތްތަކަށް ފެބްރުއަރީ މަހުގެ މުސާރަ ލިބޭއިރު އެބައި ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ބައެއް ޓީޗަރުންނަށް އެގޮތަށް ދިމާވެފައި އެބަހުރިކަމަށާއި މިނިސްޓްރީން އެކަން ދިރާސާކޮށް ބަލަމުންދާ ކަމަށް ޑރ. މުޙުސިން ވިދާޅުވިއެވެ.ޓީޗަރުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް ސަރުކާރުން އެކުލަވާލި ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑުގެ ދަށުން، ޑިޕްލޮމާ ފެންވަރުން މަތީގެ ހުރިހާ ފެންވަރެއްގެ ޓީޗަރުންގެ މުސާރައަށް ތެއްތިރީސް އިންސައްތައިގެ ކުރިއެރުމެއް ލިބޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އަދި ޚިދުމަތުގެ މުއްދަތަށް ބަލާފައި ހުރިހާ ޓީޗަރުންނަށްވެސް މުސާރައިގެ ކުރިއެރުން ދޭން ވަނީ ނިންމާފައެވެ.އެހެންނަމަވެސް ޑިޕްލޮމާ ފެންވަރުން ދަށުގެ ޓީޗަރުންނަށް މިދިޔަ މަހު މުސާރަ ލިބުނު އިރު ސަތޭކަ ނުވަތަ ދުއިސައްތަ އެއްހާ ރުފިޔާ މަދުވެފައިވާ ކަމުގެ ޝަކުވާ ބައެއް ޓީޗަރުންކޮށްފައިވެއެވެ.އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ހިސާބުކުރުމުގައި މައްސަލަތެކެއް ދިމާވެގެން އެފައިސާ ނުލިބިވާ ފަރާތްތަކަށް ފެބްރުއަރީ މަހުގެ މުސާރައިގެ ތެރެއިން އެބައިހަމަޖެހި ގެންދާނެ ކަމަށެވެ.މާލެއާ އަތޮޅުތަކުގައި ސްކޫލްތަކުގައި ހަހާހަށްވުރެ ގިނަ ޓީޗަރުން އެބަތިއްބެވެ.