ޚަބަރު

ނާސްތާއާއި އެކު ކުދިންނާއި ބެލެނިވެރިންވެސް ހިތް ހަމަޖެހިފައި


ދިރާސީ އައު އަހަރާއެކު ތަޢުލީމީ ދާއިރާގައި އަލަށް ފެށި އެންމެ މުހިންމު އެއްކަމަކީ ހެނދުނުގެ ނާސްތާ ޕްރޮގްރާމެވެ. މިޕްރޮގްރާމާމެދު ހިތްހަމަޖެހޭކަމަށް ގިނަ ބެލެނިވެރިންނާއި ދަރިވަރުން ވަނީ ބުނެފައެވެ.

ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ދިރާސީ އައުއަހަރާއެކީގައި ފެށި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ކޮންސެޕްޓަކީ ރާއްޖެއަށް މުޅިން ބީރައްޓެހި ކޮންސެޕްޓަކަށް ވީނަމަވެސް މިކަމަކީ ދުނިޔޭގެ ކުރިއަރާފައިވާ އަދި ތަރައްޤީވެފައިވާ ޤައުމުތަކުގައި ކުރާކަމެކެވެ.

އެގޮތުން ތަޢުލީމީ ގޮތުން އެންމެ ކުރިއަރާފައިވާ ފިންލޭންޑް އަދި ޖަޕާނު ފަދަ ޤައުމުތަކުގައި ހެނދުނުގެ ނާސްތާ ސްކޫލްތަކުން ހިލޭ ފޯރުކޮށްދިނުމުގެ ޕްރޮގްރާމް 20ވަނަ ގަރުނުގެ ކުރީކޮޅުގައިވަނީ ފަށާފައެވެ. އެޤައުމުތަކުން ހޯދާފައިވާ ކާމިޔާބީތަކުގެ އެއް ސަބަބަކީ މިއީކަމަށް މާހިރުން ވިދާޅުވެއެވެ. 2019 އަހަރުގެ ދިރާސީ އައު އަހަރާއެކު މިވަނީ ރާއްޖެއަށްވެސް މި ކޮންސެޕްޓް ތަޢާރަފްކޮށްފައެވެ.
އެންމެ ފުރަތަމަ ދުވަހުގެ ތަޖުރިބާ ޕީއެސްއެމް ނިއުސްއާ ޙިއްސާކުރަމުން ބައެއް ބެލެނިވެރިން ބުނީ މިއީ ރަނގަޅު ކަމެއްކަމަށާއި މީގެ ނަތީޖާ ރަނގަޅުވެގެންދާތަން ކުރިއަށް އޮތްތަނުގައި ފެނިގެންދާނެކަމަށް ޤަބޫލުކުރާކަމަށެވެ.

ބައެއް ބެލެނިވެރިން މިކަމަކީ އެންމެ ރަނގަޅުކަމެއްގެ ގޮތުގައި ދެކުނުނަމަވެސް އަނެއްބައި ބެލެނިވެރިންގެ ޚިޔާލު މިކަމުގައި ތަފާތެވެ. އެގޮތުން މިކަމާ ޚިޔާލު ތަފާތުވި ބައެއް ބެލެނިވެރިން ބުނީ އެފަރާތްތަކުން ކުދިން ސްކޫލަށް ގެންދަނީ ގޭގައި ރަނގަޅަށް ނާސްތާ ދީގެންކަމަށާއި ހެނދުނުގެ ނާސްތާގެ ބަދަލުގައި ތަންކޮޅެއް ފަހުގެ ގަޑިއެއްގައި އިންޓަވަލް ފޯރުކޮށްދިނުން މާރަނގަޅުކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ޔުނިސެފާ ގުޅިގެން މިކަމަށްޓަކާ 10 މެނޫއެއް ތައްޔާރުކޮށްފައިވާއިރު މެނޫތަކުގައި ހުރި ތަކެއްޗާމެދު ބައެއް ބެލެނިވެރިން ހިތްހަމަ ޖެހޭކަމަށް ބުނިއިރު ކުދިންގެ ކެއުން ބައްޓަން ކުރާއިރު އެކުދިންގެ ޚިޔާލުވެސް ހޯދާލުން މުހިއްމުކަމެއްގެ ގޮތުގައި ދެކޭކަމަށް ބައެއް ބެލެނިވެރިންވަނީ ބުނެފައެވެ.

ދުޅަހެޔޮ ސިއްޙަތެއްގައި ތިބެ އުނގެނުމުގެ މާޙައުލެއް ދަރިވަރުންނަށް ހޯދައިދިނުމުގެ މަޤުސަދުގައި ސަރުކާރުން ފެށި މިޕައިލެޓް ޕްރޮގްރާމާމެދު ކުދިން ތިބީ ވަރަށް ހިތްހަމަޖެހިގެންކަން އެކުދިންނާ ވާހަކަދައްކާލުމުން އެނގިގެންދިޔައެވެ. ޕީއެސްއެމްނިއުސްއާ ވާހަކަދެއްކި ބައެއް ކުދިން ބުނީ ގޭގައި ހެނދުނު ހޭލައިގެން ނާސްތާ އެކަނި ކުރުމަށްވުރެ ސްކޫލް މާޙައުލުގައި އެހެންކުދިންނާއެކު ނާސްތާގައި ބައިވެރިވެވުމުން ރަނގަޅަށް ސައިބޮވޭ ކަމަށާއި އޭގެ ސަބަބުން ދުވަސް ރަނގަޅަށް ފެށޭކަމަށެވެ. ބައެއް ކުދިން ބުނީ ގޭގައި ކާހިތްނެތުމުން ކޮންމެވެސް އެއްޗެއް ދިނުމުގެ ގަސްތުގައި ބެލެނިވެރިންދޭ ބައެއް ކާނާއަށް ވުރެ ސްކޫލުން ލިބެން ހުންނަ މެނޫތަކުގައި ހުންނަ ތަކެތި ރަނގަޅުކަމަށެވެ. ކޮންމެއަކަސް ހުރިހާކުދިން އެކުގައިތިބެގެން ކާން ފުރުސަރު ލިބުމުން ރަނގަޅަށް ހެނދުނުގެ ނާސްތާ ކުރެވޭކަމަށް ދަރިވަރުންވަނީ ބުނެފައެވެ.

ހެނދުނުގެ ނާސްތާ ޕްރޮގްރާމް ކާމިޔާބުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރަމުންދާއިރު މިޕްރޮގްރާމް ކުރިއަށް އޮތް 10 ވަރަކަށް އަހަރު ރަނގަޅަށް ކުރިއަށްގެންދެވިއްޖެނަމަ ރާއްޖޭގައި ސިއްޙީގޮތުން ދުޅަހެޔޮ ޒުވާން ޖީލެއް ބިނާވެގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.