ވިޔަފާރި

ސަރވިސް ޗާޖު އެންމެ ގިނައިން ލިބުނީ ރަންދެލި ރިސޯޓުގެ މުވައްޒަފުންނަށް


މިދިޔަ އަހަރު މުވައްޒަފުންނަށް އެންމެ ގިނައިން ސާރވިސް ޗާރޖްދިން ރިސޯޓަކަށް ޝެވަލް ބްލާންކް ރަންދެލި ރިސޯޓު ހޮވިއްޖެއެވެ.

ރާއްޖޭގެ ރިސޯޓުތަކުން މުވައްޒަފުންނަށް ސާރވިސް ޗާރޖް ދޭ މިންވަރާއި އާންމުކޮށް ރިސޯޓުތަކުގެ އެކި ޚިދުމަތްތަކުން ސާރވިސް ސާރޖް ނަގާ މިންވަރުގެ މަޢުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ "މޯލްޑިވްސް ސާރވިސް ޗާރޖް ވެބްސައިޓު" ގައި އާންމުކޮށްފައިވާގޮތުން 2018 ވަނަ އަހަރު އެންމެ ގިނައިން މުވައްޒަފުންނަށް ސާރވިސް ޗާރޖް ދީފައިވަނީ ރަންދެލި ރިސޯޓުންނެވެ.

އެގޮތުން އެރިސޯޓުގެ މުވައްޒަފުންނަށް މިދިޔަ އަހަރު، ކޮންމެ މަހަކު އެވްރެޖްކޮށް ތޭރަ ސަތޭކައަށްވުރެ ގިނަ ޑޮލަރު ނުވަތަ ވިހި ހާހަށްވުރެ ގިނަ ރުފިޔާ ދީފައިވެއެވެ. ރަންދެލި ރިސޯޓަށްފަހު ދެން އެންމެ ގިނަ ސާރވިސް ޗާރޖް ބެހި ރިސޯޓަކީ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓެވެ. ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން ގާތްގަނޑަކަށް ސޯޅަ ހާހަށްވުރެ ގިނަ ރުފިޔާ އެވްރެޖްކޮށް ސަރވިސް ޗާޖުގެ ގޮތުގައި ވަނީ ދީފައެވެ. 3 ވަނަ އަށް އެންމެ ގިނައިން ސަރވިސް ޗާޖު ބަހާފައިވާ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުން ވަނީ އެވްރެޖްކޮށް ސާދަ ހާހަށްވުރެ ގިނަ ރުފިޔާ ދީފައެވެ.

މޯލްޑިވްސް ސާރވިސް ޗާރޖް ވެބްސައިޓުގައި 2018 ވަނަ އަހަރު އެންމެ ގިނައިން ސާރވިސް ޗާޖު ދީފައިވާ 10 ރިސޯޓު ހޮވާފައިވާއިރު އޭގެތެރޭގައި ފޯރ ސީޒަންސް ރިސޯޓާއި، ވޮށްމުލި ރިސޯޓާއި، އަނަންތަރާ ކިހަވައް ރިސޯޓާއި، ދުސިޓް ތާނީ މޯލްޑިވްސް ރިސޯޓާއި، 'ޑަބްލިއު ރީޓްރިޓް އެންޑް ސްޕާ ރިސޯޓާއި، ނިޔާމަ އައިލެންޑް ރިސޯޓުގެ އިތުރުން މިލައިދޫ އައިލެންޑް ރިސޯޓު ހިމެނެއެވެ.

މޯލްޑިވްސް ސާރވިސް ޗާރޖް ވެބްސައިޓަކީ ރާއްޖޭގެ އެކި ރިސޯޓުތަކުގެ ސާރވިސް ޗާރޖް ރޭޓު ކޮންމެ މަހަކު އާންމުކުރަމުން އަންނަ ވެބްސައިޓެކެވެ. މީގެ އިތުރުން މި ވެބްސައިޓުގައި ރިސޯޓުތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ރިސޯޓުތަކާއި ބެހޭ އެކި އެކި މަޢުލޫމާތު ލިބެން ހުރެއެވެ. މިއީ ރާއްޖޭގައި ރިސޯޓު ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުންނަށް ފަސޭހައިން ވަޒީފާ ހޯދައިދިނުމުގެ މަޤްސަދުގައި ތައްޔާރުކޮށްފައިވާ ވެބްސައިޓެކެވެ.