ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ޔޫއޭއީއަށް ފުރާވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ ޔޫ.އޭ.އީގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އޮފް އާމްޑް ފޯސަސް، ހިޒް ހައިނެސް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ "ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑްސް" އަދި "އިނޯގްރޭޝަން އޮފް ދަ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް" ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް ކުރަށްވާ ދަތުރުފުޅެެއް ކަމަށެވެ.

މިއީ ރައީސްކަމާއި ޙަވާލުވެއްލުމަށްފަހު ރައީސް ޞާލިޙު ކުރައްވާ ރަސްމީ ދެވަނަ ދަތުރުފުޅެވެ. އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅަކަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި ވަޑައިގެންނެވީ އަވަށްޓެރި އިންޑިއާއަށެވެ.