ވިޔަފާރި

ރާއްޖެއާއި ވޯލްޑް ބެންކުގެ ގުޅުމަށް 40 އަހަރު


ޤައުމުތަކުގެ ތަރައްޤީއަށް އެހީވެދޭ މާލީ އިދާރާއެއް ކަމަށްވާ ވޯލްޑް ބެންކު ގުރޫޕުގެ މެމްބަރަކަށް ދިވެހިރާއްޖެ ހަމަޖެހިގެންދިޔައީ 1978 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 13 ވަނަ ދުވަހުއެވެ. އެކަމާ ގުޅޭ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އޭރު ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ކުރީގެ ފޮރިން މިނިސްޓަރ މަރްޙޫމް ފަތުހުﷲ ޖަމީލެވެ. ރާއްޖެއަށް މިނިވަންކަން ލިބުނުތާ އޭރު 13 އަހަރުވެފައިވާއިރު، ރާއްޖެއަށް ލިބޭ އާމްދަނީން ބޮލަކަށްޖެހޭ މިންވަރު އުޅުނީ 200 ޑޮލަރުގައެވެ.

ވޯލްޑް ބެންކުގެ މެމްބަރަކަށްވުމަށްފަހު ރާއްޖޭގައި ވޯލްޑް ބެންކުގެ އެހީގައި އެންމެ ފުރަތަމަ ހިންގާފައިވަނީ މަސްވެރިކަމާ ގުޅޭ މަޝްރޫޢެކެވެ. މިގޮތުން މަސްވެރިކަން ކުރިއަރުވައި، މަސް ބާނާ މިންވަރު އިތުރުކުރުމަށް ފެށި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރީ 1979 ވަނަ އަހަރުގެ ޖޫންމަހުގެ 4 ވަނަ ދުވަހުއެވެ. އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އޭރު އދއަށް ކަނޑައަޅުއްވާފައި ހުންނެވި ދާއިމީ މަންދޫބު އަހުމަދު ޒަކީއެވެ. މިމަޝްރޫޢުގެ ދަށުން މަސްވެރިކަން ކުރާ އުޅަނދުތަކުގައި ޒަމާނީ ވަސީލަތްތައް ޤާއިމްކޮށް، ދަތުރުފަތުރުކުރުމަށް ފަސޭޙަވާނެ އާލާތްތައް ފޯރުކޮށްދީ، މަސްވެރިންގެ އުޅަނދުތައް މަރާމާތުކުރާ ސެންޓަރުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކުރެވިގެންދިޔައެވެ.

ތައުލީމީ ދާއިރާ ކުރިއެރުވުމަށް ވޯލްޑް ބެންކުގެ އެހީގައި ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާއިރު، ތަޢުލީމީ ދާއިރާ ކުރިއަރުވަން ވޯލްޑް ބެންކުގެ އެހީގައި ހިންގި ފުރަތަމަ މަޝްރޫޢަކީ، 1989 ވަނަ އަހަރު ހިންގި 8.2 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން ސެކަންޑަރީ ތަޢުލީމީ ފޯރުކޮށްދޭ ސަރަޙައްދުތައް އިތުރުކޮށް، ތައުލީމީ ވުޒާރާގެ ހިންގުންތެރިކަމާއި ޤާބިލްކަން އިތުރުކުރެވުނެވެ. އަދި ރާއްޖެއިން ބޭރުން ކިޔެވުމަށް ދިވެހި ދަރިވަރުންނަށް ސްކޮލަޝިޕްގެ ފުރުޞަތުތައް ފަހިކޮށްދިނެވެ. އޭގެ ފަހުންވެސް ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާއިރު، އަދިވެސް ދަނީ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އެއާއެކު ތައުލީމީ ދައިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާއިރު، ތައުލީމި ދާއިރާއިން ރާއްޖެ ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއްވެސް ހާޞިލުކޮށްފައެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، އެކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމަށްވެސް ވޯލްޑް ބެންކުގެ އެހީގައި ގިނަ މަސައްކަތްތަކެއް ކުރެވެއެވެ. މިމަސައްކަތްތަކުގެ ފެށުމަކީ 1983 ވަނަ އަހަރު ވޯލްޑް ބެންކުގެ އެހީގައި ކުރިއަށްގެންދިޔަ، ނެޝަނަލް އެންވަޔަރަމަންޓް އެކްޝަން ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތެވެ. މިއީ ތިމާވެށި ރައްކާތެރިކޮށް، ތިމާވެއްޓަށް ގެއްލުން ލިބޭ ކަންކަމުން ދުރުހެލިވެ، އަންނަން އޮތް ޖީލުތަކަށް ތިމަވެށީގެ ފައިދާތަކާއި މަންފާ ލިބޭ ފަދަ ގޮތަކަށް ކަންކަން ރޭވުމަށް ހިންގި މަޝްރޫޢެކެވެ.

2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއިން އަރައިގަތުމަށްވެސް ވޯލްޑް ބެންކުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި ސުނާމީގައި ގެއްލުން ލިބުނު ފަންސާސް ހާސް ގޭބީސީއަކަށް ވޯލްޑް ބެންކުން ފައިސާގެ އެހީ ދެއްވާފައިވެއެވެ. ފައިސާގެ އެހީގެ އިތުރުން ގެދޮރު ގެއްލިގެން އެކި އެކި ސަރަޙައްދުތަކުގައި ވަގުތީ ހިޔާތަކުގައި އުޅުނު ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމަށްވެސް ވޯލްޑް ބެންކުން އެހީތެރިކަން ފޯރުކޮށްދިނެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ ހަލާތެއް ދިމާވުމުން، އެކަމުން އަރައިގަތުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށްވެސް އެހީތެރިކަން ފޯރުކޮށްދިނެވެ.

ވޯލްޑް ބެންކް ގުރޫޕުން ރާއްޖޭގައި ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާއިރު، މިދިޔަ 40 އަހަރުދުވަހުގެ ތެރޭގައި ދުއިސައްތަ ފަންސާސް ފަސް މިލިއަން ޑޮލަރު ޚަރަދުކޮށްގެން އެކި ދާއިރާތަކުން 29 މަޝްރޫޢެއް ވަނީ ހިންގާފައެވެ. އަދި މިވަގުތު 82 މިލިއަން ޑޮލަރު ޚަރަދުކޮށްގެން 4 މަޝްރޫޢެއް ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި މަސްވެރިކަމާއި ރައްކާތެރިގޮތުގައި ކުނި ނައްތާލުމާއި އިޔާދަކުރަނިވި ހަކަތަ އަދި ދައުލަތުގެ މާލިއްޔަތު ހަރުދަނާކުރުމުގެ މަޝްރުޢޫތައް ހިމެނެއެވެ.

ރާއްޖެ ވޯލްޑް ބެންކާ ގުޅުނުތާ 40 އަހަރު ވީއިރު، މިމުއްދަތުގެ ތެރޭގައި ރާއްޖޭގައި ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާއިރު، މިދިޔަ ސާޅީސް އަހަރުދުވަހުގެތެރޭގައި ދެ ފަރާތުގެ މެދުގައި ގާތް ގުޅުމެއް އުފެދި، ރާއްޖެއަށް އެކި ރޮނގު ރޮނގުން ކުރިއެރުމާއި ތަރައްޤީ ވަނީ ލިބިފައެވެ. ދުނިޔޭގެ އެންމެ ފަގީރު ޤައުމުތަކުގެ ލިސްޓުން، ކުރިއަރަމުން އަންނަ ޤައުމަކުގެ ލިސްޓަށް ރާއްޖެ ވަނީ އަރާފައެވެ. އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީގޮތުން އަދި އުމްރާނީ ގޮތުން އިންޤިލާބީ ބަދަލުތަކެއް ރާއްޖެއަށް ވަނީ އައިސްފައެވެ. ވޯލްޑް ބެންކުގެ މެމްބަރަކަށްވިއިރު އާމްދަނީގެ ނިސްބަތުން ބޮލަކަށްޖެހޭ މިންވަރު އެންމެ 200 ޑޮލަރުގައި ހުރިއިރު، މިއަދު މިއަދަދު ވަނީ 10 ހާސް ޑޮލަރަށްވުރެ މައްޗަށް ގޮސްފައެވެ. މިއީ ހަމަޤައިމުވެސް ރާއްޖެއިން ހޯދާފައިވާ ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.