ޚަބަރު

ކުޑަކުދިންގެ ޢަދުލުގެ ޤަވާޢިދެއް ސުޕްރީމް ކޯޓުން ތަޢާރަފްކޮށްފި


"ކުޑަކުދިންގެ ޢަދުލުގެ ޤަވާޢިދު"ގެ ނަމުގައި ޤަވާއިދެއް ހަދައި އެއަށް މިއަދުން ފެށިގެން ޢަމަލު ކުރަން ފަށައިފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ސަރކިއުލެއްގައި ބުނެފައިވަނީ އަދުލު އިންސާފު ޤާއިމް ކުރުމުގެ އެންމެހައި ބާރުތައް ދިވެހިރާއްޖޭގެ އެންމެހައި ޤާނޫނުތަކާއި ޤާނޫނު އަސާސީންވެސް ލިބިގެން ވަނީ ސުޕްރީމް ކޯޓަށް ކަމަށެވެ. އިންޞާފު ލިބިދިނުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ ގޮތުގެމަތިން އެއްވެސް ތަފާތުކުރުމަކާނުލައި އެކަށީގެންވާ އަވަސްމިނެއްގައި ފަސޭހަކަމާއެކު ލިބިދޭންޖެހޭ އަސާސީ ޙައްޤެއް ކަމަށްވެސް ސުޕްރީމް ކޯޓުގެ ސަރކިއުލާގައި ވަނީ ބުނެފައެވެ.

އަދި އިންޞާފު ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ޙައްޤު ލިބިދިނުން ކަށަވަރުކުރުމަކީ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގައި ހިމެނޭ ފަރާތްތަކުގެ މަސްއޫލިއްޔަތެއްކަމަށް ސުޕްރީމް ކޯޓުގެ ސަރކިއުލާގައި ވަނީ ބުނެފައެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާގައި ކުދިން ކުރާ ކުށުގެ މައްސަލަތައް ބަލައި، ތަޙުޤީޤުކޮށް، އިންޞާފުކޮށް އަދަބުދޭންޖެހޭ ކަންތައްތަކުގައި އަދަބުދޭނޭ ވަކި ނިޒާމެއް ހަމަޖައްސަންވާނެކަމަށް ކަނޑައެޅި ބަޔާން ކޮށްފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުން ބުނީ "ކުޑަކުދިންގެ ޢަދުލުގެ ޤަވާއިދު" ތަޢާރަފްކޮށްފައި ވަނީ ދުސްތޫރީ އަދި ޤާނޫނީ އަސާސްތަކުގެ މައްޗަށް ވިސްނާ ބެލުމަށްފަހު، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ޤާނޫނީ ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ މައްޗަށްވެސް ބެލުމަށްފަހު ކަމަށެވެ.