ޚަބަރު

ޢާއްމު އިންތިޚާބު ކާމިޔާބުކުރެވިއްޖެނަމަ ޓެކުހުގެ ނިޒާމު އިސްލާޙުކުރާނެކަމަށް ކޮންގްރެސް ޕާޓީން ބުނެފި


މި އަހަރުގެ މޭ މަހު އިންޑިއާގައި ބާއްވާ ޢާއްމު އިންތިޚާބުގައި އިދިކޮޅު ކޮންގްރެސް ޕާޓީއަށް ކާމިޔާބު ލިބިއްޖެނަމަ، އިންޑިއާގައި މުދަލާއި ޚިދުމަތްތަކުން ނަގާ ޓެކްސްގެ މިހާރަށް ވުރެ ލުއިފަސޭހަ ގޮތެއްގައި ނެގުމަށް ފިޔަވަޅުތައް އަޅާނެކަމަށް އެ ޕާޓީގެ ލީޑަރު ރާހުލް ގާންދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގައި މުދަލާ ޚިދުމަތްތަކުން ޓެކްސް ނަގަން ފަށާފައިވަނީ 2017 ވަނަ އަހަރުކަމުގައިވީ ނަމަވެސް ބޮޑުވަޒީރު ނަރަންދުރަ މޯދީގެ ސަރުކާރުން އަޅަންފެށި މި ފިޔަވަޅުގެ ސަބަބުން އެ ޤައުމުގެ ކުދި ވިޔަފާރިތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައިކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ކޮންގްރެސް ޕާޓީގެ ލީޑަރު ގާންދީ ޔޫ.އޭ.އީއަށް ކުރެއްވި ދަތުރެއްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، ކޮންގްރެސް ޕާޓީއިން އަލުން ވެރިކަމަށް އަތުވެއްޖެނަމަ އިންޑިއާގެ އިޤުތިޞާދަށް ބޭރުގެ އިންވެސްޓަރުންގެ ޝައުޤުވެރިކަން އިތުރުކުރުމަށް، ހަރުދަނާ އިޤުތިޞާދީ ފިޔަވަޅުތަކެއް އަޅާނެކަމަށެވެ. ގާންދީ ވިދާޅުވީ، މިހާރު އިންޑިއާގެ އިޤްތިޞާދަށް ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރާ މިންވަރު ވަނީ މަދުވެފައިކަމަށާއި، މިކަމުގެ މައިގަނޑު ސަބަބަކީ އިންޑިއާގައި ބޭނުންކުރާ ފައިސާއަށް ގެނައި އިސްލާހުތަކާ ޖީ.އެސް.ޓީ ކަމަށެވެ.

ގާންދީ ވިދާޅުވީ، ކޮންގްރެސް ޕާޓީއަކީ އިންޑިއާއަށް އިޤުތިޞާދީ މިނިވަންކަން ގެނެސްދޭނެ ޕާޓީ ކަމަށާއި، އެ ޕާޓީގައި މިކަމަށް ފިޔަވަޅުތައް އަޅާނެކަމަށެވެ.