ޚަބަރު

ރައީސްގެ ޚާއްޞަ ނަސޭހަތެއް ދަރިވަރުންނާއި މުދައްރިސުންނަށް


އުނގެނުމަކީ ވަކި ޢުމުރެއްގެ ވަކި ޖިންސެއްގެ، ވަކި މިންތިއެއްގެ މެދުގައި ހިނގާ ކަމެއް ނޫންކަމަށާއި އުނގެނުމަކީ އެންމެން އެކުގައި ކުރާ ކަމަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.

ހުރަވީ ސްކޫލް ހުޅުއްވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސްވަނީ ސްކޫލްތަކުގެ ހުރިހާ ދަރިވަރުންނަށާއި، މުދައްރިސުންނަށް ޚާއްޞަ ނަސޭހަތެއް ދެއްވައިފައެވެ. ތަޢުލީމީ ޙަޔާތުގެ މަރުޙަލާގައި ދަރިވަރުން އަމާޒު ހިފަންވީ، ހަމައެކަނި ތަޢުލީމީ ކާމިޔާބީތަކެއް ޙާޞިލުކުރަކަށް ނޫންކަމަށާއި، އުނގެނޭ ޢިލްމުގެ ބޭނުން އެންމެ އެދެވޭގޮތެއްގައި ހިފުމަށްޓަކައި ސަލާމަތް ޞިއްޙަތެއްގައި ތިބުމަށް މަސައްކަތްކުރުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. ތަޢުލީމީ މަރުޙަލާގައި ދަރިވަރުން ޙާޞިލުކުރާ، އެންމެ އަގުބޮޑު މެޑެލްއަކީ ރިވެތި އަދަބުތަކާއި އިސްލާމީ އަޚްލާޤްކަމަށް ހެދުމަށްވެސް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

ސްކޫލް މަރުޙަލާގައިވެސް އަމިއްލަ ފައިދާއަށްވުރެ ބޮޑަށް ޢާންމު މަސްލަހަތަށް އިސްކަން ދިނުމަށާއި، އިންސާފަށް ލޯބިކޮށް، ތަފާތު ވިސްނުމުގެ ކުދީންނާ އެކު އުޅެން ދަސްކުރުމަށެވެ. ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. ދިމާވާ ކޮންމެ ކަމެއްވެސް ޞުލްޙަވެރިކަމާއެކު ހައްލުކުރުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ. އަދި އެއް ކުއްޖަކު އަނެއް ކުއްޖަކަށް، އިޙްތިރާމް ކުރުމަށާއި، ޓީޗަރުންނާ މެދުވެސް އޯގާތެރިކަމާ އެކު ޢަމަލުކުރުމަށް ގޮވާލެއްވިއެވެ. ތަޢުލީމީ މަރުޙަލާގައި ދަރިވަރުންނަށް ލިބޭ އެންމެ ބޮޑު ހަކަތައަކަށް ވާނީ، މައިންބަފައިންގެ ހެޔޮ ނަސޭހަތާއި، ޓީޗަރުންގެ ފުރިހަމަ އިރުޝާދުކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ސްކޫލްގެ އެހެންނިހެން ދަރިވަރުންނަކީވެސް، ޢާއިލާގެ މެމްބަރުން ކަމުގައި ބަލައިގަނެ، އެކުދީންނަށް އެހީތެރިވެދީ ގުޅުން ދެމެހެއްޓުމަކީ، މަދުރަސީ ޙަޔާތުން ހޯދަންޖެހޭ އެންމެ މުހިންމު ތަރުބިއްޔަތުކަމަށް ރައީސް ވިދާޅުވިއެވެ.

ސްކޫލް ދަރިވަރުންގެ ފޭރާންކަމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަން ހެދުމަށް ގޮވާލައްވަމުން ރައީސް ވަނީ މުދައްރިސުންގެ ކިބައިންވެސް ބައެއް ކަންކަމަށް އެދިވަޑައިގެންފައެވެ. އެގޮތުން ދަރިވަރުންގެ ޙައްޤުތައް ކަށަވަރު ކޮށްދިނުމާއި، އެ ޙައްޤުތަކާ އެކުގައިވާ ޒިންމާތައް އެ ދަރިވަރުންނަށް ދަސްކޮށްދެވޭނެ މާޙައުލެއް ޤާއިމުކޮށްދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

"ހަށިގަނޑުގެ ހެދިބޮޑުވުމާ އެއްވަރަށް، ބުއްދި ވެސް ތަރައްޤީވާނެޖެހޭ. ސްކޫލުން ބޭރުގައިވެސް ޢިލްމު އުނގެނުމަށް، ލޯބިކުރަންވާނެ. ފޮތް ކިޔުމާއި ދިރާސާކުރަން ދަސްކުރަންވާނެ. ޓީޗަރުންނާ ގިނަގިނައިން ސުވާލުކޮށް، ކަންކަން އޮޅުންފިލުވުމަކީ، ތަޢުލީމީ ޙަޔާތުގެ އެންމެ މުހިންމު އެއް ކަންތައް. އުނގެނުމަކީ އެންމެން އެކުގައި ކުރާ ކަމަކަށް އަޅުގަނޑުމެން ހަދަންވާނެ. އެއީ ވަކި ޢުމުރެއްގެ ވަކި ޖިންސެއްގެ، ވަކި މިންތިއެއްގެ މެދުގައި ހިނގާ ކަމެއް ނޫން. ޢިލްމާއި ހުނަރާއި އުނގެނުން އެންމެ ފުންމިނުގައި ކަށަވަރު ކުރެވޭނީ، އެންމެން އެކުގައި މުޖްތަމަޢުގެ ހުރިހާ އެންމެން، ޢުމުރުން ދުވަސްވީ މީހުންނާއި އަންހެނުންނާއި ފިރިހެނުންނާއި އެކި ޤައުމުތަކުގެ މީހުންގެ ބައިވެރިވުމާއެކު. ކިޔަވައިދިނުމާއި އުނގެނުމުގެ މާޙައުލު މިގޮތަށް ބައްޓަންކުރުމުން، ހަމްދަރުދީވާން އެނގޭ، އެކަކު އަނެކަކަށް އިޙްތިރާމް ކުރަން އެނގޭ ޖީލެއް ބިނާކޮށްދެވޭނެ"

ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ތަޢުލީމް އުނގެނޭ ދަރިވަރުންނަކީ މި ޤައުމުގެ އެންމެ އަގުބޮޑު ރައުސްމާލްކަމަށް ސިފަކުރައްވާ ޤައުމުގެ މިސްރާބު ސީދާކުރާނެ ލީޑަރުން ކަމުގައި ވުމަށް ގޮވާލައްވާފައެވެ.

އަދި ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް ނުރަނގަޅު ގޮތް ދޫކޮށްލައި، ރަނގަޅު ގޮތުގައި ހިފުމަށްވެސް ރައީސް އިލްތިމާސްކުރެއްވިއެވެ.