ވިޔަފާރި

ބީއެމްއެލް އިސްލާމިކް އިން ސޭވިންގްސް އަދި އިންވެސްޓްމަންޓް ޑިޕޮސިޓް އެކައުންޓް ތައާރަފްކޮށްފި


ބީއެމްއެލް އިސްލާމިކް އިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަމާޒުކޮށް ދެވައްތަރެއްގެ ސޭވިންގްސް އެކައުންޓާއި އަދި އިންވެސްޓްމަންޓް އެކައުންޓެއް ތަޢާރަފްކޮށްފިއެވެ.

މި އެކައުންޓްތައް ބައްޓަންކޮށްފައިވަނީ އިސްލާމިކް ބޭންކިންގ އުސޫލެއްކަމަށްވާ ވަކާލާ އުސޫލުގެ މައްޗަށެވެ. މިގޮތުން ކަސްޓަމަރު އެކައުންޓުގައި ބަހައްޓާ ފައިސާ، ޝަރީޢާ ހުއްދަކުރާ ކަންކަމަށް އިންވެސްޓްކުރުމަށްފަހު އެއިން ފައިދާ ލިބުމުގެ ފުރުސަތު ކަސްޓަމަރަށް ލިބިގެންދެއެވެ.

އަލަށް ތައާރަފްކުރި 'ބީއެމްއެލް އިސްލާމިކް ސޭވިންގސް އެކައުންޓް' އަކީ ފަހަށް ފައިސާ ރައްކާކޮށް އަދި އެފައިސާއިން ފައިދާ ހޯދައިދިނުމުގެ ގޮތުން އަމިއްލަ ފަރުދުންނަށް ތަޢާރަފުކުރާ ޚިދުމަތެކެވެ.

މީގެ އިތުރުން 'ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވަރ އެކައުންޓް' އަކީ 18 އަހަރުން ދަށުގެ ކުދިންނަށް އިސްލާމިކް ބޭންކިންގ ޚިދުމަތް ދިނުމަށްޓަކައި ތަޢާރަފުކުރި އެކައުންޓެކެވެ.
އަދި 'ބީއެމްއެލް އިސްލާމިކް ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް' އަކީ ޝަރީޢާ ހުއްދަކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވަކި މުއްދަތަކަށް ފައިސާ ރައްކާކުރުމަށްޓަކައި އަމިއްލަ ފަރުދުންނާއި ވިޔަފާރި ކުންފުނިތަކަށް ޚާއްސަ ކޮށް ތަޢާރަފުކުރި އިންވެސްޓްމަންޓް އެކައުންޓެކެވެ.

ބީއެމްއެލުގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލްގެ އިސްލާމިކް ބޭންކިންގ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަމާޒުކޮށް ޝަރީޢާގެ ހަމަތަކަށް ފެތޭ އިތުރު ތިން ޑިޕޮސިޓް އެކައުންޓެއް ބީއެމްއެލް އިސްލާމިކް ގެ ޚިދުމަތްތަކަށް އިތުރުކުރެވޭ ކަމީ ލިބޭ އުފަލެއް ކަމަށެވެ.

ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންގ އާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިން ކަމަށާއި ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ބަހައްޓަނީވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގައި ކަމަށް ބީއެމްއެލުން ބުނެއެވެ.
އަދި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުޢީ ހަމަތަކަށް ފެތޭ ކަންކަމަށް ކަމަށާއި މި މަސައްކަތްތައް ހިނގަމުންދަނީ އިސްލާމިކް ފައިނޭންސިންގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއްގެ ބެލުމުގެ ދަށުން ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.

އަލަށް ތައާރަފްކުރި އިސްލާމިކް ބޭންކިންގގެ މި ޚިދުމަތްތަކާއިއެކު ޝަރީޢާ އާއި އެއްގޮތްވާގޮތުގެ މަތިން ބީއެމްއެލް އިސްލާމިކުން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.