ކުޅިވަރު

ސޯލްޝެއާގެ ތައުރީފް ކޭންއަށް، ރަޝްފޯޑަށް އެހިސާބަށް ދެވިދާނެ


މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލޭގަނާ ސޯލްޝެއާ ޓޮޓެންހަމުގެ ކެޕްޓަން އަދި ފޯވަޑް ހެރީކޭން އަށް ވަރަށް ބޮޑަށް ތައުރީފްކޮށްފި އެވެ. އަދި ޔުނައިޓެޑްގެ ޒުވާން ފޯވަޑް މާކަސް ރަޝްފޯޑަކީ ކޭންއާ އެއްފެންވަރަކަށް ދެވިދާނެ ފޯވަޑެއް ކަމަށް ބުނެފި އެވެ.

އޭނާ މިހެން ބުނީ ޓޮޓެންހަމާއި ޔުނައިޓެޑް އިނގިރޭސި ލީގުގައި މިރޭ ކުޅޭ މެޗަށް މި ދެ ފޯވަޑުން އެކަކު އަނެކަކާ ދެކޮޅަށް ނުކުންނަން ތައްޔާރުވެފައިވާތީ އެވެ. ސޯލްޝެއާ ބުނީ އިނގިރޭސި ގައުމީ ޓީމުގެ އެންމެ މުހިންމު ދެ ފޯވަޑުންގެ ކުރިމަތިލުން ފޯރިގަދަވާނެ ކަމަށެވެ.

ކޭން އަކީ މިވަގުތު އިނގިރޭސި ޓީމުގެ ކެޕްޓަނެވެ. އަދި އޭނާ އަކީ މިދިޔަ އަހަރުގެ ވޯލްޑް ކަޕުގެ އެންމެ ގިނަ ގޯލު ޖަހައިގެން ރަންބޫޓު ހޯދި ފޯވަޑެވެ. މިއާ ހިލާފަށް ރަޝްފޯޑަކީ ގައުމީ ޓީމާއި ޔުނައިޓެޑުގައި މިހާރު އެންމެ ބާރަށް އަރަމުން އަންނަ ފޯވަޑެވެ.

"ކޭން އަކީ ކިހާ މޮޅު ކުޅުންތެރިއެއްކަން އެންމެނަށް ވެސް އެނގޭ. އޭނާގެ މޮޅުކަން އަހަރުމެން ދަންނަންވާނެ މެޗު ނިމެންދެން. އޭނާ ހުރި ހިސާބަށް ދެވިދާނެ ކުޅުންތެރިއެއް ރަޝްފޯޑަކީ. މިފަދަ ވާދަވެރި މެޗުތައް ކާމިޔާބު ކުރުމަކީ ރަޝްފޯޑް އެހިސާބަށް ދާން ވަރަށް މުހިންމު ކަމެއް،" ސޯލްޝެއާ ބުންޏެވެ.

ޓޮޓެންހަމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އަކީ ޔުނައިޓެޑްގެ ކޯޗަކަށް ގެނައުމަށް އެކުލަބުން އެންމެ ބޭނުންވާ ކޯޗެވެ. އޭނާ ބުނީ ޔުނައިޓެޑް ވަރަށް ބޮޑަށް ކުރިއެރުން ހޯދައިފި ކަމަށާއި މެޗު ވަރަށް އުނދަގޫވާނެ ކަމަށެވެ.

މިރޭގެ މެޗު ކުޅޭނީ ވެންބްލީގަ އެވެ. އެއީ ޓޮޓެންހަމުގެ ދަނޑު އިމާރާތްކޮށް ނުމިމޭތީ އެވެ. ކޯޗު ބުނީ އޭނާ އާއި ކުލަބުގެ ޗެއާމަން ވެސް މިހާރު އެންމެ އުއްމީދު ކުރަނީ އެކުލަބުގެ އާ ސްޓޭޑިއަމަށް ބަދަލުވެވޭނެ ދުވަހަކަށް ކަމަށެވެ.