ޚަބަރު

އިނގުރައިދޫ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި


މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ރ. އިނގުރައިދޫގައި ކުރިއަށްގެންދިޔަ މޫދު ކަސްތަރު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. "މޫދު ކަސްތަރުން އުފާވެރިކަން" ޕްރޮގްރާމް ނިންމުމަށް ރ. އިނގުރައިދޫގައި ބޭއްވި ރަސްމިއްޔާތުގައި އެފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އަޙްމަދު މަހްލޫފެވެ.

ރ. އިނގުރައިދޫގައި ކުރިއަށްގެންދިޔަ "މޫދު ކަސްރަތުން – އުފާވެރިކަން" ޕްރޮގްރާމަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންްސް ފޯސްއާ އިނގުރައިދޫ ކައުންސިލާއި، އެރަށު މުއައްސަސާތައް ގުޅިގެން ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހެވެ. 282 ބައިވެރިންނާއެކު ހިންގި މި ޕްރޮގްރާމަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި މިފަދަ ބޮޑު ޕްރޮގްރާމް ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.

މޫދު ކަސްރަތު ޕްރޮގްރާމްގެ ނިމުން ފާހަގަކުރުމަށް އިނގުރައިދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަހްލޫފް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރަށްރަށަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށްދިނުންކަމަށެވެ. އެގޮތުން ކުޅިވަރުގެ ދާއިރާއިން އިނގުރައިދޫގެ ޒުވާނުންނާއި ރައްޔިތުންނަށް ދިމާވެފައިވާ މައްސަަލަތަށް ޙައްލުކޮށްދެއްވަން މަސައްކަތްކޮށްދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުރަޙީމް ޢަބްދުލްލަޠީފް ވިދާޅުވީ، ދިވެހި ސިފައިން ރައްޔިތުންނަށް ޚާއްޞަކޮށްގެން ހިންގާ މިފަދަ ޕްރޮގްރާމްތަކަކީ އެމްއެންޑީއެފުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ހިންގާ ޕްރޮގްރާމްތަކެއް ކަމަށެވެ. އަދި މިޕްރޮގްރާމްގެ ތެރެއިން ދަސްވި ކަންކަން ބައިވެރިން އެގޮތުގައި ދަމަހައްޓަން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ވަނީ އެދިވަޑައިގެންފައެވެ.

އިނގުރައިދޫ މޫދު ކަސްރަތު ޕްރޮގްރާމްގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިޕްރޮގްރާމްގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދި ތިން ބައިވެރިންނަށް ހަނދާނީ ފިލާ ދީފައިވެއެވެ. އެގޮތުން މި ޕްގޮރާމުން އެއްވަނަ ހޯދީ ޒުލްފާ ޙަސަނެވެ. ދެވަނަ އަދި ތިންވަނަ ހޯދާފައިވަނީ ޚަދީޖާ އިބްރާޙީމާއި އާމިނަތު ސަނާއެވެ. މީގެއިތުރުން ހިތްވަރުދިނުމުގެ އެވޯޑު ޙާސިލްކުރީ ޒުހުރާ އިބްރާހީމެވެ. މީގެ އިތުރުން މިޕްރޮގްރާމްގައި ބައިވެރިވެ ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލި 9 ބައިވެރިއަކަށްވެސް ވަނީ ހަނދާނީ ފިލާ ދީފައެވެ.

މޫދު ކަސްރަތުން އުފާވެރިކަން ޕްރޮގްރާމަކީ، އެމްއެންޑީއެފްގެ ފަރާތުން ދިވެހި ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ސިއްޙަތާއި، އިޖުތިމާއީ ފޭރާން ވަރުގަދަކުރުމާއި، އިސްލާމީ ރިވެތި އުސޫލުތައް ޤާއިމްކުރުމާއި، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުުޖުތަމައެއް ޤާއިމްކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.

މޫދު ކަސްރަތު ޕްރޮގްރާމްގެ ބައިވެރިން ބުނީ، ހަށިގަނޑަށް ލުއިވެ ރަނގަޅު އާދަތަކެއް ދަސްވެގެން ހިނގައްޖެ ކަމަށެވެ. އެގޮތުން ހަށިގަނޑުގެ އެކި ތަންތަނަށް އަރާފައިވާ ވާންތަކާއި، އައްސިކަން، ފިލައި، ކަކުލު ހުޅުގެ ރިހުންތަކާއި، ބުރަކަށީގެ ރިހުންތައް އެއްކޮށް ފިލައިގެން ގޮސް އާންމު ދިރިއުޅުމުގައި ކުރާ މަސައްކަތް ކުރުމަށް މިހާރު ފަސޭހަވެގެން ހިނގައްޖެ ކަމަށެވެ.

މި ޕްރޮގްރާމްގެ ތެރެއިން ކަސްރަތު ކުރުމުގެ އިތުރުން ޢާންމު ދިރިއުޅުމުގައި ދިމާވާވެދާނެ ތަފާތު ޙާދިސާތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ކޮންމެ މީހަކުވެސް އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ކުރެވިދާނެ ކަންތައްތަކާއި ގުޅޭ މަޢުލޫމާތު ދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.